އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ބެތެލްހަމް ސިޓީގައި އިސްރާއީލު ސިފައިން ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިން, ފަލަސްތީނުގެ 15 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދު ކޮށްލައިފިއެވެ.

އާދަމް އިއްސާމް ޝާކިރު އައްޔަދު ކިޔާ މި ކުއްޖާ ޝަހީދުކޮށްލާފައިވަނީ އޭނާގެ މެޔަށް ބަޑި ޖަހައިގެން މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އާދަމް ޝަހީދުކޮށްލާފައި ވަނީ މިއަދު ފަތިސްވުމުގެ ކުރިން އިސްރާއީލުގެ އަސްކަރިއްޔާއިން ދެއިޝާ ރެފިއުޖީ ކޭމްޕުގައި ހިންގި ރެއިޑެއްގައެވެ. މި ރެއިޑްގައި އިސްރާއީލުގެ އަސްކަރިއްޔާގެ ހަތިޔާރު އެޅި އެތައް އުޅަނދެއް ވަނީ ބައިވެރިވެފައެވެ. ރެއިޑްގެ ތެރެއިން ފަލަސްތީނުގެ ޒުވާނުންނާއި، އިސްރާއީލުގެ ސިފައިންނާއި ދެމެދު ކުރިމަތިލުންތަކެއް ހިިނގާފައެވެ.

އިސްރާއީލުން ކުރިއަށް ގެންދިޔަ މި ރެއިޑްގައި އެ ކޭމްޕުގައި ދިރިއުޅޭ އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފަލަސްތީނުގެ މީޑިއާތަކުން ބުނެއެވެ.

ފަލަސްތީނުގެ ހާރިޖީ ވުޒާރާއިން ވަނީ މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި އިސްރާއީލަށް އެމީހުން ކުރާ ކަންތައްތަކުގެ ޒިންމާ ނަގަން ނުޖެހޭތީ، ފަލަސްތީނުގެ ކުޑަކުދީންނާއި ދޭތެރޭގައި މިފަދަ ލާއިންސާނީ އަމަލުތައް ކުރަން ހިތްވަރު ލިބޭ ކަމަށްވެސް އެ ވުޒާރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އާދަމްގެ ރަހުމަތްތެރިން ވަނީ އޭނާ އަތުން ލިޔެފައިވާ ސިޓީއެއް އާންމުކޮށްފައެވެ. އެ ސިޓީގައި އާދަމް ވަނީ ބައެއްގެ އަޅުވެތިކަމުގެ ދަށުގައި އުޅެން ޖެހިފައިވާ ޒުވާން ކުއްޖެއްގެ އިހުސާސްތައް ކިޔައިދީފައެވެ.

"އަހަރެންވެސް ވަރަށް ގިނަ އުންމީދުތަކެއް ފުރިހަމަ ކުރަން ބޭނުންވި، އެކަމަކު އަހަރެން ދިރިއުޅެނީ އެއްވެސް އުންމީދެއް ފުރިހަމަކުރެވޭނެ ފަދަ ހަގީގަތެއްގެ ތެރެއަކު ނޫން. އެކަމަކު އަހަރެން އުފާވޭ އަހަރެންގެ އެއް ހުވަފެން ހަގީގަތަކަށް ހެދޭނެތީ، އެއީ ޝަހީދެއްގެ ގޮތުގައި ނިމިދިއުން. އެއީ މަރުވުމެއް ނޫން، އެއީ ފަޚުރެއް. އެވާނީ މި އަޅުވެތިކަމުނަ ސަމުގާ އަނބުރާލަން ޖެހޭ ކަމަށް ދުނިޔެއަށް ދެވޭ މެސެޖަކަށް." އާދަމްގެ ސިޓީގައި ވެއެވެ.

މިއަހަރު ފެށުނު ފަހުން މިއަދަށް މިއީ ތިންވަނަ ދުވަހަށް ވާއިރު، އާދަމްއަކީ މި ތިން ދުވަހުގެ ތެރޭގައި އިސްރާއީލު ސިފައިން ޝަހީދުކޮށްލި ފަލަސްތީނުގެ ތިންވަނަ ރައްޔިތެވެ.

އިއްޔެވެސް ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގެ ކައިރީގައި އޮންނަ ކަފްރް ދަން ކިޔާ އަވަށަކުން އިސްރާއީލުގެ ސިފައިން ވަނީ 2 މީހުން ޝަހީދުކޮށްލާފައެވެ. އެއީ 21 އަދި 25 އަހަރުގެ ދެ ޒުވާނުންނެވެ.

މިދިޔަ އަހަރަކީ 2006 ވަނަ އަހަރަށްފަހު ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށާއި އިރުމަތީ ޤުދުސްއިން އެންމެ ގިނަ މީހުން ޝަހީދުކޮށްލި އަހަރުކަމަށް އދ. އިން ވަނީ ބުނެފައެވެ.

އާ އަހަރަށް ކުރިމަތިލީ އިރު އިސްރާއީލުގެ ވެރިކަމާއިވެސް ނަތަންޔާހޫ އިސްކޮށް ހުރެގެން ހައްދު ފަހައަޅާފައިވާ، ހަރުކަށި ޔަހޫދީ ސަރުކާރެއް ހަވާލުވެފައިވާއިރު، މި އަހަރަކީ ފަލަސްތީނަށް އިތުރަށް ނުރައްކާވާނެ އަހަރެއް ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު