މައްޔިތުންގެ ހަށިގަނޑުގެ ގުނަވަންތައް ހުއްދަ ނެތި ވިއްކުމުގެ ތުހުމަތުގައި އެމެރިކާގެ ސިޓީއެއް ކަމުގައިވާ ކޮލޮރާޑޯގަައި ދިރިއުޅޭ ދެ އަންހެނުން ޖަލަށްލައިފިއެވެ.

އުމުރުން 46 އަހަރުގެ މެގަން ހެސް އަދި އޭނާގެ 69 އަހަރުގެ މަންމަ ޝިރްލީ ކޮޗްއަކީ ޖަނާޒާއާއި ކަށުކަމާކެމީގެ ކަންތައްތައް ބަލަހައްޓާ ތަނެއްގެ ޑިރެކްޓަރުންނެވެ. ޕްރޮސެކިއުޓަރުން ބުނެފައިވާ ގޮތުގައި މި ދެ މައިން ގުޅިގެން ވަނީ 560 މައްޔިތުންގެ ހަށިގަނޑުގެ ބައިތައް ވިއްކާލައިފައެވެ.

މި މައްސަލައިގައި ހެސް 20 އަހަރަށް ޖަލަށްލި އިރު، ކޮޗް ޖަލަށްލީ 15 އަހަރަށެވެ.

ކޮލޮރާޑޯގެ ފެޑެރަލް ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި މަންމަ އާއި އަންހެން ދަރިފުޅުގެ ވަނީ އެމީހުންނާ ހަވާލުކުރެވޭ މީހުންގެ ހަށިގަނޑުގެ ބައިތައް، އަދި ބައެއް ހާލަތްތަކުގައި މުޅި ހަށިގަނޑުގެ ހުރިހާ ގުނަވަންތައް ވިއްކާލައިފައެވެ. އަދި ގިނަ ފަހަރާއި އެމީހުންގެ ޖަނާޒާގެ ކަންތައްތައް ހަމަޖައްސާފައި ނުވެއެވެ.

މޮންޓްރޯސް ޓައުންގެ ސަންސެޓް މެސާ ފިއުނަރަލް ހޯމް ހިންގި ހެސް ވަނީ މައްޔިތުންގެ ހަށިގަނޑު އެންދުމުގެ މަސައްކަތަށް އާއިލާތަކުން 1،000 ޑޮލަރު (834 ޕައުންޑް) އާ ހަމައަށް ފައިސާ ނަގައިފައެވެ. އޭގެ ތެރެއިން ހަށިގަނޑުގެ ބައެއް ގުނަވަންތައް ހިލޭ ސާބަހަށް ހަދިޔާ ކުރުމުގެ ނަމުގައި ބައެއް ކްލަޔަންޓުން އަތުން ކަށުކަމާކެމީގެ ޚިދުމަތަށް ފައިސާ ނުނަގާ ހާލަތްތައް ވެސް ދިޔައެވެ.

އެކަމަކު މައްޔިތާގެ އާއިލާ މީހުންނަށް އޮޅުވާލުމުގެ ގޮތުން މި މީހުން ވަނީ ގިނަ ފަހަރު ބޮޑީ ބްރޯކަރެއް މެދުވެރިކޮށް އެހެން މީހުންގެ އަންދާފައިވާ އަޅިތައް ހަވާލުކޮށްފައެވެ.
މި މައްސަލަ ފެންމަތިވީ ރޮއިޓާސްގެ ތަހުގީގެއްގެ ސަބަބުންނެވެ. އެ މައްސަލައިގެ ސަބަބުން 2018 ވަނަ އަހަރު އެފްބީއައި އިން ވަނީ އެ ގެ ބަލައި ފާސްކޮށްފައެވެ.