ކަރަންޓާއި އިގްތިސާދީ ކާރިސާއެއްގެ ތެރޭގައި އޮތް ޕާކިސްތާނުގައި ހަކަތައިގެ ހަރަދު ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، އެގައުމުގެ މޯލްތަކާއި، މާކެޓްތައް އަވަހަށް ބަންދުކުރުމަށް ޕާކިސްތާނުގެ ސަރުކާރުން އަންގައިފިއެވެ.

ހަކަތައިގެ ހަރަދު ކުޑަކުރުމަށްޓަައި އެގައުމުގެ ކެބިނެޓުން ފާސްކޮށްފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގާތްގަނޑަކަށް 62 ބިލިއަން ޕާކިސްތާނީ ރުޕީސް (273 މިލިއަން އެމެރިކާ ޑޮލަރު) ސަލާމަތް ކުރެވޭނެ ކަމަށް، އެގައުމުގެ ޑިފެންސް މިނިސްޓަރު ޚުވަޖާ އާސިފް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެއެވެ.

ޕާކިސްތާނަށް ބައިނަލްއަގުވާމީ މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމެއްގެ ދަށުން ލިބެން ހަމަޖެހިފައިވާ ފައިސާ ލިބުން ލަސްވެފައިވާތީ، އެގައުމަށް ވަނީ މާލީގޮތުން ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވެފައެވެ. އެގައުމުގެ ފޮރިން އެކްސްޗޭންޖު ރިޒާވް ހުރީ ކިރިޔާ އެއްމަހުގެ އިމްޕޯޓްތަކަށް ހަރަދުކުރެވޭ ވަރަށެވެ. އޭގެ ތެރެއިން ބޮޑު ހަރަދެއްކުރަން ޖެހޭނީ ހަކަތައިގެ ވިޔަފާރިއަށެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ އިއްޔެ އިން ފެށިިގެން ތަންފީޒުކުރެވޭނެ އިތުރު ގަވާއިދުތަކުގެ ތެރޭގައި ރެސްޓޯރެންޓްތަކާއި ކައިވެނި ހޯލްތައްވެސް އެ ގައުމުގެ ގަޑިން 10 ޖަހާއިރު ބަންދުކުރުން ހިމެނެއެވެ. ބައެއް ވިޔަފާރިވެރިން ވަނީ ބަންދު ކުރާ ގަޑި އެއަށްވުރެ ލަސްކުރަން ބާރުއަޅާފައި ކަމަށާއި، ނަމަވެސް ސަރުކާރަށް ފެނުނީ މިތަންތަން އަވަހަށް ބަންދުކުރުމަކީ މިހާރު ވަރަށް ބޭނުންތެރި ފިޔަވަޅެއްގެ ގޮތުގައި ކަމަށް އާސިފް ވިދާޅުވިއެވެ.

ސަރުކާރުގެ އޮފީސްތަކުގެ ކަރަންޓު ހަރަދުތައްވެސް 30 އިންސައްތަ ކުޑަކުރުމަށް ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އަންގަވާފައިވާ ކަމަށްވެސް އާސިފް ވިދާޅުވިއެވެ.

މިފަދަ ފިޔަވަޅުތަކެއް ޕާކިސްތާނުގައި އަޅަމުން މިދަނީ އައިއެމްއެފް ގެ 1.1 ބިލިއަން ޑޮލަރުގެ ފަންޑިންގް ލަސްވެގެން ދިއުމުގެ ސަބަބުން، އެގައުމުގެ އިގުތިޞާދު ޑީފޯލްޓު ވެދާނެ ކަމުގެ ބިރުވެރިކަން ކުރިމަތިވެފައިވާތީއެވެ. އައިއެމްއެފް އިން ދަނީ ޕާކިސްތާނުގެ ޕޮލިސީ އާއި ރިޕޯމްގެ ރިވިއުއެއް ހަދަމުންނެވެ. މި ރިވިއު އޮތީ މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަދާ ނިމޭ ގޮތަށެވެ.

އާސިފް ވިދާޅުވީ ކަރަންޓުގެ ހަރަދު ކުޑަކުރުމުގެ ޕްލޭންގެ ތެރޭގައި ކަރަންޓު ބޭކާރު ވެގެންދާފަދަ ބޮކިތަކާއި ފަންކާތައް އުފެއްދުން މަނާކުރުންވެސް ހިމެނޭ ކަމަށެވެ. އަދި މަގުމަތީގައި ހުންނަ ބޮކިތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ބޮކިތައް ނިވާލެވޭނެ ކަމަށްވެސް އާސިފް ވިދާޅުވިއެވެ.

ޕާކިސްތާނުގައި ބޭނުންކުރާ ކަރަންޓުގެ ބޮޑުބައި އުފައްދަނީ، އެހެން ގައުމުތަކުން އިމްޕޯޓުކުރެވޭ ފޮސިލް ފިއުލް ބޭނުން ކޮށްގެންނެވެ. އެ ބާވަތްތަކުގެ އަގު ފާއިތުވި މަސްތަކުގައި ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.

އިމްޕޯޓު ކުރާވަރު މަދުކޮށް، އިގުތިޞާދަށް ހަމަޖެހުން ގެނެވޭތޯ ސަރުކާރުން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ހަލުވި ކަމާއެކު ޕާކިސްތާނުގެ ފައިސާގެ އަގު ވެއްޓެމުންދިއުމާއެކު، އިމްޕޯޓުގެ ވިޔަފާރި އިތުރަށް އަގުބޮޑުވެ، ތަކެތީގެ އަގު ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ.

އޭގެ އިތުރުންވެސް ޕާކިސްތާނުން ދަނީ މިދިޔަ އަހަރު އެގައުމުގައި ފެންބޮޑުވެ ވީ ގެއްލުންތަކުން ވެސް އަރައިގަންނަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު