އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނަބްލޫސް ސިޓީގައި، އިސްރާއީލު ސިފައިން ހިންގި ރެއިޑެއްގައި މިއަދުވެސް ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދު ކޮށްލައިފިއެވެ،

ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި 16 އަހަރުގެ އާމިރު އަބޫ ޒައިތޫން ޝަހީދުކޮށްލާފައިވަނީ އޭނާގެ ބޮލަށް ބަޑި ޖަހައިގެންނެވެ.

މިއަދަކީ މިއަހަރުގެ ފަސްވަނަ ދުވަހަށް ވާއިރު، އާމިރު އަކީ މިއަހަރު އިސްރާއީލު ސިފައިން ޝަހީދުކޮށްލި 4 ވަނަ މީހާއެވެ. އަންގާރަދުވަހުވެސް އިސްރާއީލުގެ ސިފައިން ވަނީ ފަލަސްތީނުގެ 15 އަހަރުގެ ކުއްޖެއްގެ މެޔަށް ބަޑިޖަހާ ޝަހީދުކޮށްލާފައެވެ.

އާމިރު ޝަހީދުކޮށްލާފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ނަބްލޫސްގެ ބަލާތާ ރެފިއުޖީ ކޭމްޕް ރެއިޑް ކުރުމުގެ ތެރޭގައި، ހަތިޔާރު އެޅި ފަރާތްތަކާއި މެދުގައި ހިނގި ކުރިމަތިލުންތަކެއްގައެވެ.

އެ ކޭމްޕުގައި ދިރިއުޅޭ މީހުން ބުނެފައިވާ ގޮތުގައި، އާމިރުގެ ގަޔަށް ބަޑިޖަހާފައިވަނީ އޭނާ ކޭމްޕު ތެރޭގައި ހިނގާފައި ދަނިކޮށް އިސްރާއީލު ސިފައިންނާއި ދިމާވުމުން ކަމަށެވެ.

އާމިރު ހިނގާފައިދާ ތަނާއި، އަދި އޭނާ ޝަހީދުކޮށްލުމުގެ ކުރިން ދުވެފައި ދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ކަމަށް ބުނެ ފަލަސްތީނުގެ މީޑިއާތަކުން ވަނީ ވީޑިއޯއެއް އާންމުކޮށްފައެވެ.

އިސްރާއީލުގެ ފުލުހުން ބުނެފައިވަނީ ބަލާތާގައި ރެއިޑެއް ހިންގަމުންދިޔަ ސިފައިންނާއި، ބޯޑަރު ފުލުހުންނާއި އިންޓެލިޖެންސް އޮފިޝަލުންގެ ގުރޫޕަކާއި ދިމާލަށް ހަތިޔާރު އެޅި ފަލަސްތީނުގެ މީހުން ބަޑި ޖަހާފައިވާ ކަމަށެވެ. އެއަށްފަހު ސިފައިންނާއި ދިމާލަށް "ކައިރިން ބަޑި ޖެހި ހަތިޔާރު އެޅި މީހެއްގެ" ގަޔަށް އިސްރާއީލު ސިފައިން ބަޑި ޖަހާފައިވާ ކަމަށް އިސްރާއީލުގެ ފުލުހުން ބުނެފައިވެއެވެ.

މި ރެއިޑްގައި ދެމީހުން ޒަހަމްވެ، އިތުރު ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ކުރިން އިސްރާއީލުގެ ގައިދީއެއްގެ ގޮތުގައި ހުރި މީހެއްގެ ގެ ހިޞާރުކޮށް، އެ ގެ ރެއިޑް ކޮށް، އޭނާ ހައްޔަރު ކުރުމުގެ ކުރިން އޭނާގެ އާއިލާ މެމްބަރުންނަށް އަނިޔާ ކޮށްފައިވާ ކަމަށްވެސް ފަލަސްތީނުގެ މީޑިއާތަކުން ބުނެފައިވެއެވެ.

އިސްރާއީލުން މިދިޔަ އަހަރުއްސުރެ ކޮންމެ ދުވަހަކުހެން ފަލަސްތީނުގެ އަވަށްތަކުގައި ހިންގާ ރެއިޑްތަކުގައި، ހަތިޔާރު އެޅި މީހުން ކަމަށް ބުނެ، ކަމާއި ނުބެހޭ އާންމުންނާއި ކުޑަކުދިންވެސް ދަނީ ޝަހީދުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    "ނެތޭ ފަރުވާލެއް މުސްލިމެއްގެ ގޮތުގައި މި ދާތީ
    ހެވޭ ކޮންމެ ފަޅިއަށް އޮތަސް ﷲ މަގުގައި މަރުވެ ދާތީ
    ކުރައްވައިފިނަމަ އިލާހީ ޒާތުން އިރާދަ
    ގުނަންތައް ކުދިވެފައި ހުއްޓަސް ބަރަކާތް ލެއްވި ދާތީ"