ރަޝިއާ އާއި ޔޫކްރޭންގެ ދެމެދުގައި ކުރިއަށްދާ ހަނގުރާމައިގައި ހަމަލާތައް ބަދަލުކުރުން 36 ގަޑިއިރަށް މެދުކަނޑާލަން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހުށަހަޅައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕޫޓިން ވަނީ ހުކުރު ވިލޭރޭ މެންދަމު 00:00 އިން ފެށިގެން ހޮނިހިރު ދުވަހާއި ހަމައަށް ހަމަލާތައް ބަދަލު ކުރުން ހުއްޓާލަން ހުށަހަޅާފައެވެ. ނަމަވެސް މިހުށަހެޅުމަށް އަދި މިހާތަނަށް ޔޫކްރޭނުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ހަމަލާތައް މެދުކަނޑާލަން ޕޫޓިން ނިންމީ ކްރިސްޓިއަނުންގެ ތެރެއިން ވަކި މަޒުހަބެއްގެ ބަޔަކު ޖަނަވަރީ 6 އަދި 7 ވަނަ ދުވަހު ކްރިމަސް ފާހަގަ ކުރާތީ، ކްރިމަސް ފާހަގަ ކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. ޖަނަވަރީގައި ކްރިމަސް ފާހަގަ ކުރަނީ އޮތޮޑޮކްސް ކްރިސްޓިއަނުންނެވެ. އެމަޒުހަބުގެ ކްރިސްޓިއަނުން ރަޝިއާ އާއި ޔޫކްރޭންގައި ވެސް ވަރަށް ގިނައެވެ.

ޕޫޓިން ވަނީ ރަޝިއާ އިން ހަމަލާތައް މެދުކަނޑާލަން ނިންމާފައިވާ ނިންމުމާއި އެއްގޮތައް ޔޫކްރޭނުން ވެސް ހަމަލާތައް މެދުކަނޑާލާކަން އިއުލާން ކުރުމަށް ގޮވާލާފައެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޔޫކްރޭނުން ހަމަލާތައް މެދުކަނޑާލަން އެއްބަސްނުވެއްޖެނަމަ ރަޝިއާ އިން ވެސް ހަމަލާތައް ދިނުމުގެ ފުރުސަތު ބޮޑެވެ.

ރަޝިއާ އާއި ޔޫކްރޭންގެ ދެމެދުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފުރަތަމަ ހަނގުރާމަ ފެށުނު ދުވަސްކޮޅު ސުލްހައިގެ ވާހަކަތައް ދެކެވުނެވެ. ނަމަވެސް މިހާރު ދެގައުމުގެ މަންދޫބުން ސީދާ ބައިވެރިވެގެން ސުލްހައިގެ ވާހަކަތައް ކުރިއަކަށް ނުގެންދެއެވެ.

ހަމަލާތައް މެދުކަނޑާލަން ރަޝިއާ އިން ނިންމިއިރު މިހަފްތާގައި ޔޫކްރޭނުން ރަޝިއާ ސިފައިންނަށް ދިން ހަމަލާއެއްގައި ރަޝިއާގެ އެތައް ސަތޭކަ ސިފައިންނެއް މަރުވެފައިވާ ކަމަށް ޔޫކްރޭނުން ބުނެއެވެ. ނަމަވެސް ރަޝިއާ އިން ބުނާ ގޮތުގައި މަރުވެފައި ވަނީ 63 ސިފައިންނެވެ.

މިއަދު ރަޝިއާ އިން ޔޫކްރޭންގެ ޚާސޮން ސަރަހައްދަށް ދިން ހަމަލާތަކުގައި ވެސް ހަތަރު މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު