ރަޝިއާ އާއި ޔޫކްރެއިންގެ ދެމެދުގައި ކުރިއަށްދާ ހަނގުރާމައިގައި، ހަމަލާތައް ބަދަލުކުރުން 36 ގަޑިއިރަށް މެދުކަނޑާލަން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހުށައެޅުއްވި ހުށައެޅުން ޔުކްރޭނުން ގަބޫލެއް ނުކުރިއެވެ.

ޔޫކްރެއިނުން ބުނެފައިވަނީ ރަޝިއާއިން ހިފައިގެން އުޅޭ ސަރަހައްދުން އެމީހުންގެ ސިފައިން ނުބާލަނީސް އެއްވެސް އެއްބަސްވުމަކަށް ނާދެވޭނެ ކަމަށެވެ.

ހަމަލާތައް މެދުކަނޑާލަން ޕޫޓިން ނިންމެވީ ކްރިސްޓިއަނުންގެ ތެރެއިން ވަކި މަޒުހަބެއްގެ ބަޔަކު ޖަނަވަރީ 6 އަދި 7 ވަނަ ދުވަހު ކްރިމަސް ފާހަގަ ކުރާތީ، ކްރިމަސް ފާހަގަ ކުރަން ފުރުސަތު ދިނުމުގެ ގޮތުން، ރަޝިއާގެ އޯތޮޑޮކްސް ޗާޗްގެ ވެރިޔާ ގެ އެދުމަކަށެވެ. ޖަނަވަރީގައި ކްރިމަސް ފާހަގަ ކުރަނީ އޮތޮޑޮކްސް ކްރިސްޓިއަނުންނެވެ. އެމަޒުހަބުގެ ކްރިސްޓިއަނުން ރަޝިއާ އާއި ޔޫކްރޭނުގައި ވެސް ވަރަށް ގިނައެވެ. ނަމަވެސް ރަޝިއާ އިން ކަންތައް ކުރާ ގޮތާއި ޚިލާފުވުމަށްޓަކައި ޔޫކްރެއިނުގެ ވަރަށް ގިނަ މީހުން ވަނީ ހުޅަނގާއި އެއްގޮތަށް ޑިސެމްބަރުގައި ކްރިސްމަސް ފާހަގަ ކުރަން ފަށާފައެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލަން ޕޫޓިން އަންގަވާފައިވަނީ މިއަދު މެންދުރު 12 އިން ފެށިގެން 36 ގަޑިއިރުގެ މުއްދަތަކަށް، މާދަމާރޭގެ 11 ޖެހުމާއި ހަމައަށެވެ.

ޕޫޓިން ވަނީ ރަޝިއާ އިން ހަމަލާތައް މެދުކަނޑާލަން ނިންމާފައިވާ ނިންމުމާއި އެއްގޮތައް ޔުކްރޭނުން ވެސް ހަމަލާތައް މެދުކަނޑާލާކަން އިއުލާން ކުރުމަށް ގޮވާލައްވާފައެވެ.

ނަމަވެސް ޔުކްރޭނުގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ވަނީ ޕޫޓިންގެ މި ހުށައެޅުމަކީ، އިރުމަތީ ދޮންބަސް ގައި ޔުކްރޭނުގެ ސިފައިން ހޯދަމުންދާ ކުރިއެރުންތައް ހުއްޓުވާ، އެ ސަރަހައްދަށް އިތުރު ރަޝިއާ ސިފައިން ގެނައުމަށް ގެންގުޅޭ އުކުޅެއް ކަމަށް ވިދާޅުވެ މި ހުށައެޅުމާއި ދެކޮޅު ހަދާފައެވެ.

ރޭ ގެ މެސެޖުގައި ރަޝިއާ ބަހުން ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ ޔުކްރޭނުގެ ސުލްހައިގެ ޕްލޭނަށް ރަޝިއާއިން ތަކުރާރުކޮށް ދެކޮޅު ހަދާފައިވާ ކަމަށެވެ.

"މިހާރު އެމީހުން ބޭނުންވަނީ ކްރިސްމަސް އޭ ކިޔައިގެން، އަހަރެމެންގެ ސިފައިން ދޮންބަސްގައި ހޯދަމުންދާ ކުރިއެރުންތައް ހުއްޓުވާލާ. އެމީހުންގެ ހަތިޔާރާއި، ސިފައިން އަހަރެމެންގެ ޕޮޒިޝަން ތަކާއި ގާތަށް ގެންނަން. އެކަމުން އެމީހުންނަށް ލިބޭނީ ކޯއްޗެއް؟ އަނެއްކާވެސް އެމީހުންނަށް ލިބޭ ގެއްލުން ބޮޑުވާނީ. ދޭތެރެ ދޭތެރެއިން ލިބޭ ފުރުސަތުތަކުގެ ބޭނުން ރަޝިއާއިން ހިފަނީ ހަނގުރާމައިގެ ބާރުގަދަ ކުރަންކަން މުޅި ދުނިޔެ އަށް އެނގޭ." ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ނިމޭނީ ރަޝިއާގެ ސިފައިން ޔުކްރޭނުން ފޭބުމުން ނުވަތަ އެމީހުން ބޭރުކުރެވުމުން ކަމަށެވެ.

ޕޫޓިން އަށް ގޮންޖެހުމަށް ރަޝިއާގެ ރައްޔިތުންނަށްވެސް ޒެލެންސްކީ ވަނީ ގޮވާލައްވާފައެވެ. އަދި ހުޅަނގުގެ ފަރާތުން ރަޝިއާގެ މަސްލަހަތު ރައްކާތެރިކުރުމަށް މި ހަނގުރާ މުހިންމު ކަމަށް ޕޫޓިން ދައްކާ ވާކަތަކަށް ގޮންޖަހަންވެސް ޒެލެންސްކީ ގޮވާލެއްވިއެވެ. ޒެލެންސްކީ ރަޝިއާގެ ރައްޔިތުންނަށް ގޮވާލެއްވީ، ރަޝިއާގައި އެކަކު ދެކެ މީހުން ގަންނަ ބިރުން މިނިވަންވުމަށް މި 36 ގަޑިއިރުގެ ބޭނުން ހިފުމަށެވެ.

ޕޫޓިންގެ ހުށައެޅުއްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ރައްދު ދެއްވާފައެވެ.

" ޑިސެމްބަރު 25 ވަނަ ދުވަހު އާއި އާ އަހަރު ފެށުނު ދުވަހު، ހޮސްޕިޓަލްތަކާއި، ނާސަރީތަކާއި، ޗާޗްތަކަށް ބޮން އަޅަން ޕޫޓިން ހުރީ ތައްޔާރަށް. އަހަންނަށް ހީވަނީ ޕޫޓިން އެ މަސައްކަތް ކުރަނީ އޮކްސިޖަން ކޮޅެއް ހޯދަންހެން." ބައިޑަން ވިދާޅުވިއެވެ.

ސުލްހަ ގާއިމުކުރުމަށް އޮތް ހަމަ އެކަނި ހައްލަކީ ރަޝިއާ ސިފައިން ޔުކްރޭނުން ފޭބުން ކަމަށް ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މައިކަލްވެސް ވަނީ ވިދާޅުވެފައެވެ.

ހަމަލާތައް ހުއްޓާލުމަށް ޕޫޓިން އަންގަވާފައި ވީނަމަވެސް، ޔުކްރޭނުން މި އެއްބަސްވުމަށް ދެކޮޅު ހެދުމުން ރަޝިއާއިން ކަންތައް ކުރާނެ ގޮތެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަދުރޭ

    މި ޔަހޫދީ ކަލޭގެ ހަގުރާމަ ހުއްޓާލަން އާދޭސްކުރާތަން އަހަރުމެން ދެކޭނަން.