ޕާކިސްތާނުގެ ހުޅަނގުދެކުނުގައި ބްރިޖެއްގެ މަތިން ދަތުރުކުރަމުން ދިޔަ ބަހެއް ވެއްޓި، ބަހުގައި އަލިފާން ރޯވެ، 44 މީހުން މަރުވެއްޖެއެވެ.

އެ ގައުމުގެ ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ ލަސްބޭލާ ޑިސްޓްރިކްޓްގެ އެސިސްޓެންޓް ކޮމިޝަނަރު ހަމްޒާ އަންޖުމް މައުލޫމާތު ދެއްވި ގޮތުގައި, މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ހުރީ ކާކުކަން ދެނެގަނެވޭ ފަދަ ހާލަތަކުވެސް ނޫނެވެ.

އަންޖުމް ވިދާޅުވީ ބަހުގައި ދަތުރުކުރަމުން ދިޔަ މީހުންގެ ތެރެއިން ހަތަރު މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާދިސާ ހިންގާފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި 48 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ބަސް ބްރިޖުމަތިން ދަނިކޮށް، ބުރިޖުގެ ތަނބެއްގައި ޖެހި ދަތުރުކުރަމުންދިޔަ މަގުން ކައްސާލައިގެން ކަމަށެވެ.

ބަލޮޗިސްތާންގެ ގުއެޓާ އިން ކަރާޗީއަށް ދިއުމަށް މި ބަސް ވަނީ ރޭ ހަތަރުދަމުވެސް ދަތުރުކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަންޖުމް ވިދާޅުވީ އެކްސިޑެންޓް ހިނގީ ބަސް ޑްރައިވަރަށް ނިދި ޖެހިގެން ކަމަށްވުންވެސް އެކަށީގެންވާ ކަމަށެވެ. އަދި މި ދިގު ދަތުރު މަތީގައި ޑްރައިވަރު މާ ބާރަށް ބަސް ދުއްވީ ކަމަށްވެސް ވެދާނެ ކަމަށް އަންޖުމް ވިދާޅުވިއެވެ.

އަންޖުމް ވިދާޅުވީ ބަސް އެކްސިޑެންޓްވާން މެދުވެރިވި ސަބަބެއް ތަހުގީގު ކުރާނެ ކަމަށެވެ. އަދި މަރުވެފައިވާ މީހުން ދެނެގަތުމަށްޓަކައި ޑީއެންއޭ ޓެސްޓު ހަދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަލާކުވެފައިވާ މަގުތަކާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމާއި، އަދި ފަރުވާ ކުޑަކޮށް އުޅަނދުތައް ދުއްވުމުގެ ސަބަބުން ޕާކިސްތާނުގައި ވަރަށް ގިނައިން މަގުމަތީގެ އެކްސިޑެންޓްތައް ހިނގައެވެ. އަދި ބަސްތަކަށް ނުކުޅަދާނަވާ ވަރަށް މީހުން އަރުވައިގެން ދުއްވާތީ، އެންމެ އުޅަނދެއްގެ އެކްސިޑެންޓެއްގައިވެސް މަރުވާ މީހުންގެ އަދަދު ވަރަށް މައްޗަށް އެރުމަކީ އެ ގައުމުގައި އާންމު ކަމެކެވެ.

މިދިޔަ ނޮވެމްބަރު މަހު ދެކުނު ޕާކިސްތާނުގައި، ފެން ހެދިފައި އޮތް ފުން ވަޅުގަނޑަކަށް މިނިބަހެއް ވެއްޓި، 20 މީހުން ވަނީ މަރުވެފައެވެ. އެ ހާދިސާގައި 11 ކުޑަކުދިން ވަނީ މަރުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ޕާކިސްތާނުގެ މަގުތައް މަތީގައި 27000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު