ދެ އަހަރު ތެރޭގައި އެމެރިކާ އޮންނާނީ ޗައިނާ އާއި ދެކޮޅަށް ހަނގުރާމައެއްގެ ތެރޭގައި ކަމަށް ލަފާކޮށް، އެކަމަށް ތައްޔާރުވެ ތިބުމަށް އިރުޝާދު ދީ، އެމެރިކާގެ ވައިގެ ސިފައިންގެ ހަތަރު ތަރީގެ ޖެނެރަލަކު އޭނާގެ، ދަށުން މަސައްކަތް ކުރާ އޮފިސަރުންނަށް މެމޯ އެއް ފޮނުވައިފިއެވެ.

"އަހަރެން އުންމީދުކުރަނީ އަހަރެންގެ މި ލަފާކުރުން ގޯސްވާނެ ކަމަށް. އަހަރެންގެ ހިތް ބުނަނީ 2025 ވަނަ އަހަރު އަހަރެމެން ހަނގުރާމަ ކުރާނެ ކަމަށް." އެމެރިކާގެ ވައިގެ ސިފައިންގެ އެއާ މޯބިލިޓީ ކޮމާންޑުގެ ވެރިޔާ، ޖެނެރަލް މައިކް މިނިހާން އިއްޔެ ފޮނުވާފައިވާފައިވާ މެމޯގައި ވިދާޅުވެފައިވެއެވެ.

އެއާ މޯބިލިޓީ ކޮމާންޑުގައި، ދަތުރުފަތުރާއި، ތެޔޮ އެޅުމުގެ ޒިންމާ ހަވާލުވެފައިވާ 1 ލައްކައެއްހާ މެމްބަރުންނާއި، 500 މަތިންދާ ބޯޓު ހިމެނެއެވެ.

މިނިހާން ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު ޓައިވާނާއި އެމެރިކާގައިވެސް ރިޔާސީ އިންތިހާބު އޮންނާނެތީ، އެމެރިކާގެ ސަމާލުކަން އޮންނާނީ ކުޑަވެފައި ކަމަށާއި، އޭގެ ސަބަބުން ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަށް ޓައިވާނަށް އެރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި ހަނގުރާމައިގައި ހަނގުރާމަ ކޮށް ކާމިޔާބު ހޯދުމަށް ކުރާނެ ތައްޔާރީތައްވެސް މިނިހާންގެ މެމޯގައި ހިމަނާފައިވެއެވެ.

ސޮއެ ކޮށްފައިވާ މި މެމޯ އެޑްރެސް ކޮށްފައިވަނީ އެއާ މޯބިލިޓީ ކޮމާންޑުގެ ހުރިހާ އެއާ ވިންގް ކޮމާންޑަރުންނަށާއި، އެއާ ފޯސްގެ އެހެން އޮޕަރޭޝަނަލް ކޮމާންޑަރުންނަށެވެ. ޗައިނާ އާއި ކުރިމަތިލުމަށް ވާން ޖެހޭ ތައްޔާރީތަކުގެ މައިގަނޑު މަސައްކަތްތައް ފެބުރުއަރީ 28 ގެ ކުރިން މިނިހާން އަށް ރިޕޯޓްކުރުމަށްވެސް މެމޯގައި އަންގާފައިވެއެވެ.

އަދި މީގެ އިތުރުންވެސް އޭނާ ވިދާޅުވެފައިވަނީ އެއާ މޯބިލިޓީ ކޮމާންޑުގެ ހުރިހާ މެމްބަރުން ފެބުރުއަރީ މަހު، 7 މީޓަރުގެ ޓާގެޓަކަށް ބަޑިޖަހަން ތަމްރީނުކުރުމަށްވެސް އަންގާފައެވެ. " އަމާޒުކުރާނީ ބޮލަށް." އޭނާ ވިދާޅުވެފައިވެއެވެ. އަދި ހުރިހާ އޮފިސަރުންވެސް އިމަޖެންސީ ކޮންޓެކްޓް ތަކާއި ރިކޯޑްތައް އަޕްޑޭޓް ކުރުމަށްވެސް ވަނީ އަންގާފައެވެ.

މީޑިއާތަކުން މި ހަބަރު ޝާއިއުކުރުމުން، އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކު ވިދާޅުވެފައިވަނީ މިނިހާންގެ މި ވާހަކަތަކަކީ އެމެރިކާގެ އަސްކަރިއްޔާއިން ޗައިނާ އާއި މެދު ދެކޭ ގޮތް ތަމްސީލުކުރާ ވާހަކަތަކެއް ނޫން ކަމުގައެވެ.

ޑިފެންސް ޑިޕާޓްމެންޓުގެ ޕްރެސް ސެކްޓްރީ، ބްރިގޭޑިއަރ ޖެނެރަލް ޕެޓްރިކް ރައިޑަރ ވިދާޅުވެފައިވަނީ، ގައުމީ ދިފާއީ ސިޔާސަތުތަކުގެ ދަށުން ޗައިނާއަކީ ޑިފެންސް ޑިޕާޓްމެންޓަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށާއި، އެ ފަރާތުގެ މައިގަނޑު ސަމާލުކަން ހުރީ، އިންޑޯ ޕެސިޕިކްގެ ސުލްހަވެރިކަމާއި ހަމަޖެހުމާއި، މިނިވަންކަން ދެމަހައްޓުމަށް އެމެރިކާގެ ބައިވެރިންނާއެކު މަސައްކަތް ކުރަން ކަމަށެވެ.

ޗައިނާއިން ޓައިވާނަށް މިވަގުތު އަރާފާނެތޯ ސުވާލުކުރުމުން، މި މަހުގެ ކުރީކޮޅު އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޮސްޓިން ވިދާޅުވެފައިވަނީ، ޓައިވާން ކައިރީގައި ޗައިނާއިން ބިރުދެއްކުމަށް ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތައް އިތުރުކޮށްފައި ވީނަމަވެސް، ޗައިނާއިން ޓައިވާނަށް އެރުން ގާތްވެފައިވާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޗައިނާއިން މި ފަހުން ވަނީ ޗައިނާގެ ވެރިކަން ގަބޫލުކުރުމަށް ޓައިވާނަށް ކުރާ އަސްކަރީ، އިގުތިޞާދީ، އަދި ޑިޕްލޮމެޓިކް ޕްރެޝަރުތައްވެސް އިތުރު ކޮށްފައެވެ. އަމިއްލަ ވެރިކަމެއް ކުރާ ޓައިވާނުން ބުނެފައިވަނީ، އެގައުމުން ބޭނުންވަނީ ސުލްހަވެރިކަން ކަމަށާއި، ނަމަވެސް ހަމަލާދީފިނަމަ، ގައުމު ދިފާއުކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖުހާ.

    ޗައިނާއިން ޓައިޗާނަށް ހަމަލާދިނަސް ޓައިވާނަށް ގައުމު ސަލާމަތެއް ނުކުރެވޭނެ. އަދި އެމެރިކާ ޓައިވާނަށް އެހީއެއްވެސް ނުވާނެ.

    12
  2. ދޯ

    ނުކުޅެވޭނެ ތިހެން ...ސިހިގެން ވެސް ނުދާނެ

    11
  3. ހުޅަނގު ޔޫރަޕް ދޮންމީހުންގެ ދުނިޔެ

    ތިއީ ހުޅަނގުގެ އިންސާފު. ކަލޭމެން ނޫން ބަޔަކު ކުރިއަރައިގެން ނުވާނެ!

    13
  4. ރަން

    ނޭޓޯ/އެމެރިކާ/ޔޫރަޕް.. ދުނިޔޭގެ އަމާންކަމާއި މަސްލަހަތުގެ ނުރައްކާ.. އެންމެ ނުރައްކާ