އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިމުގައި ހަމަނުޖެހުންތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، އިސްރާއީލުގެ މީހުންނަށް ފަސޭހައިން ބަޑި ފަދަ ހަތިޔާރު ހޯދޭނޭ ގޮތް ހަދާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫގެ މި ފިޔަވަޅުގެ ސަބަބުން އެ ސަރަހައްދުގެ ހަމަނުޖެހުން އިތުރަށް ފުޅާވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ނަތަންޔާހޫ މި ފިޔަވަޅު އިއުލާން ކޮށްފައިވަނީ، ޤުދުސްގައި އިސްރާއީލުގެ މީހުންނާއި ދެކޮޅަށް ދިން ދެ ހަމަލާއަށް ފަހު، ހަރުކަށި ފިކުރުގެ މީހުންނާއިގެން ފުރިފައިވާ އޭނާގެ ސަލާމަތީ ކެބިނެޓްގެ ބައްދަލުވުމެއް އިއްޔެ ބޭއްވުމަށް ފަހުގައެވެ.

ހުކުރު ދުވަހު އިރުމަތީ ޤުދުސްގައި ހުންނަ ޔަހޫދީންގެ ފައްޅިއެއްގެ ބޭރުގައި ދިން ބަޑީގެ ހަމަލާގައި އިސްރައީލުގެ 7 މީހުން ވަނީ މަރުވެފައެވެ. އަދި ހޮނިހިރު ދުވަހު ދިން ހަމަލާއެއެގައި ދެމީހުން ވަނީ ޒަހަމްވެފައެވެ.

މި ހަމަލާތައް ދީފައި މިވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގައި، އިސްރާއީލު ސިފައިން ކުރިއަށް ގެންދިޔަ ރެއިޑެއްގައި 9 މީހުން ޝަހީދުކޮށްލާ، އަދި އެއަށްފަހު އިސްރާއީލާއި ޣައްޒާއާއި ދެމެދު ވައިގެ ހަމަލާ ތަކެއްވެސް ބަދަލު ކުރެވުމަށް ފަހުގައެވެ. އިސްރާއީލުން މި މަހު ފަލަސްތީނުގެ ޖުމްލަ 32 މީހަކު ވަނީ ޝަހީދުކޮށްލާފައެެވެ.

އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނަތަންޔާހޫ ވަނީ ގުދުސްގައި ދިން ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވައުދުވެފައެވެ. އެގޮތުން އޭނާ ވަނީ އިސްރާއީލު މީހުންނަށް ބަޑި ގެންގުޅުމުގެ ހުއްދަތައް ދިނުން އަވަސް ކުރުމަށާއި، "ގާނޫނާއި ހިލާފު ހަތިޔާރު" އަތުލުމުގެ މަަސައްކަތްތައް ފުޅާކުރުމަށްވެސް ވައުދު ވެފައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ، "ނިރުބަވެރިކަމަށް ތާއީދުކުރާ މީހުންނަށް އެކަމުގެ އަގު އަދާކުރަން ޖެއްސުމުގެ ގޮތުން،" ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ގެތައް ވަގުތުން ވަގުތަށް ބަންދު ކުރެވޭނެ ކަމަށާއި، އަދި އެއަށް ފަހު އެ ގެތައް ތަޅާލެވޭނެ ކަމަށެވެ. އަދި ހަމަލާދިން މީހުންގެ އާއިލާތަކަށް އޮންނަ ސޯޝަލް ސެކިއުރިޓީ ހައްގުތައްވެސް އަތުލާނެ ކަމަށް އޭނާގެ އޮފީހުން ފަހުން ބުނެފައިވެއެވެ.

އަދި އޭގެ އިތުރުންވެސް ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ މީހުން ވަޒަންވެރި ކުރުވުން "ވަރުގަދަ" ކުރަން އިތުރު ފިޔަވަޅުތަކެއްވެސް އަޅާނެ ކަމަށް ނަތަންޔާހޫގެ އޮފީހުން ބުނެފައިވެއެވެ.

އިސްރާއީލުގެ ރެއިޑުގައި ޝަހީދުކޮށްލި ފަލަސްތީނުގެ ބައެއްމީހުނެގެ ހަށިތައް---

އިރުމަތީ ޤުދުސްގައި ހުރި އަލްޖަޒީރާގެ ނޫސްވެރިއަކާއި ހަވާލާދީ އެނޫހުން ބުނެފައިވަނީ، މިހާރުވެސް ބަޑި ގެންގުޅުމުގެ ހުއްދަ އޮންނަ އިސްރާއީލުގެ މީހުން ބަޑި ހިފައިގެން އުޅުމަށް އިސްރާއީލުގެ ފުލުހުން ހިތްވަރުދެމުންދާ ކަމަށެވެ. އޭނާ ބުނެފައިވަނީ ގާނޫނު އެމީހުންގެ އަމިއްލަ އަތަށް ނުނެގުމަށް ނަތަންޔާހޫ އިސްރާއީލު ރައްޔިތުންނަށް ބުނަމުންދާއިރު، ހަމަ އެ އަތްތަކަށް އޭނާ އިތުރު ހަތިޔާރު ދެނީ ކަމުގައެވެ.

އަލްޖަޒީރާގެ ސީނިއަރ ޕޮލިޓިކަލް އެނަލިސްޓަކު ބުނެފައިވަނީ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި މިހާރުވެސް ހަތިޔާރު ގެންގުޅޭ މީހުންގެ އަތަށް، ސަރުކާރުން އިތުރަށް ހަތިޔާރު ދެނީ ކަމުގައި އާއި، މި ކަމުގެ ސަބަބުން ހަމަނުޖެހުން އިތުރަށް ފުޅާވެގެންދާނެ ކަމުގައެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ބުނެފައިވަނީ ހުޅަނގު އައްސޭރިއަށް އިތުރު ސިފައިންވެސް ފޮނުވާފައިވާނެ ކަމަށެވެ.

ނަތަންޔާހޫ ސަރުކާރުގެ ގައުމީ ސަލާމަތާއި ބެހޭ ވަޒީރުގެ މަގާމުގައި ހުރި، ހަރުކަށި ފިކުރުގެ ޔަހޫދީއެއް ކަމަށްވާ އިތަމާރް ބެންގްވީރް ވަނީ އިސްރާއީލު މީހުންނަށް ބަޑި ގެންގުޅުމުގެ ހުއްދަ ދިނުން އިތުރު ކުރުމަށް ޕްރެޝަރު ކޮށްފައެވެ. އޭނާ އިތުރަށް ބުނެފައިވަނީ "ނިރުބަވެރިންނަށް" މަރުގެ އަދަބު ދިނުމަށްވެސް އޭނާ މަސައްކަތް ކުރާނެ ކަމަށެެވެ.

އިސްރާއީލުގެ ނޫހެއްގައި މަސައްކަތް ކުރާ ނޫސްވެރިއަކު ބުނެފައިވަނީ އިތަމާރް ބެން ގްވީރްއަކީ އަލިފާން ރޯކުރާ މީހެއްކަން އެންމެންނަށްވެސް އެނގޭ ކަމަށާއި، އަދި ނަތަންޔާހޫ މިހާރު އޭނާ އަތަށް އެދެނީ ފުރިފައި ހުރި ތެޔޯ ފީފާއެއް ކަމަށެވެ. އޭނާ ބުނެފައިވަނީ ދެފަރާތުގައިވެސް އޮތީ ނުބައި ދެ ގޮތް ކަމަށާއި، ނަތަންޔާހޫ އަށް ޖެހޭނީ އެއްގޮތް އިހުތިޔާރު ކުރަން ކަމަށެވެ. އަދި އޭނާގެ ކެބިނެޓްގައި އޭނާ ހުއްޓުވޭނެ ޒިންމާދާރު އެކަކުވެސް ނެތް ކަމުގައި ނޫސްވެރިޔާ ބުނެފައިވެއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނެފައިވަނީ އިސްރާއީލުން ދެން ކުރިއަށް ގެންދާ ރެއިޑްތަކަށް ރައްދު ދިނުމަށް ތައްޔާރަށް ތިބި ކަމުގައެވެ. އެ ޖަމާއަތުން ބުނެފައިވަނީ، ފަަލސްތީނުގެ މީހުންނާއި، އެމީހުންގެ އާއިލާތަކާއި، ގުދުސްއާއި، އަލް އަޤުޞާ މިސްކިތްވެސް އެމީހުން ރައްކާތެރިކުރާނެ ކަމަށެވެ. އެ ޖަމާއަތުން އިތުރަށް ބުނެފައިވަނީ ހަމަނުޖެހުން ފުޅާކުރަން އެއްވެސް ފިޔަވަޅެއް ރާވަމުންނުދާ ކަމަށާއި، ނަމަވެސް އާދައިގެ މަތިން ހަމަލާތަކަށް ރައްދު ދޭނެ ކަމަށެވެ.

ހަމާސް އިން ބުނެފައިވަނީ ޑިޕްލޮމެޓިކް، ސިޔާސީ، އަދި ހަތިޔާރު ހިމެނޭހެން، ކޮންމެ ގޮތެއް ބޭނުން ކޮށްގެންވިޔަސް، ފަަލސްތީނުގެ ރައްޔިތުންގެ މިނިވަންކަމަށް މަސައްކަތް ކުރާނެ ކަމަށެވެ.