ގައުމަށްޓަކައި ޖާނުން ފިދާވުމަކީ ގާންދީ އާއިލާގެ ގޮތެއް ނޫން ކަމަށާއި، އިންދިރާ ގާންދީ އާއި ރާޖިވް ގާންދީ އަވަހާރަކޮށްލުމަކީ "އެކްސިޑެންޓްތަކެއް" ކަމަށް އިންޑިއާގެ އުއްތަރަކަންޑުގެ މިނިސްޓަރަކު ބުނެފިއެވެ.

"ރާހުލް ގާންދީގެ ވިސްނުމުގެ ގާބިލުކަމާ މެދު އަހަރެން ހިތާމަ ކުރަން. ގައުމަށްޓަކައި ޖާނުން ފިދާވުމަކީ ގާންދީ އާއިލާގެ ގޮތެއް ނޫން. އިންޑިއާއިން މިނިވަންކަން ހޯދަން ހަނގުރާމަ ކުރިއިރު ވަނީ ބަގަތް ސިންގް، ސަވަރްކާރް، އަދި ޗަންދްރާ ޝޭކަރު އާޒާދު ފަދަ ގައުމަށްޓަކައި ޖާނުން ފިދާވި ފަރާތްތައް ދެކެފައި. ގާންދީ އާއިލާގެ މެމްބަރުންނާއި މެދު ކަންތައް ހިނގި ގޮތަކީ އެކްސިޑެންޓުތަކެއް. ޝަހީދުވުމާއި އެކްސިޑެންޓް ތަކާއި މެދުގައި ވަރަށް ބޮޑު ތަފާތެއް އޮންނާނެ." ރާހުލް ގާންދީ ގެ ބޮޑު ހިނގާލުން ނިންމަވާލާ ދެއްވި ތަގުރީރާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖޯޝީ ވިދާޅުވިއެވެ.

" އެކަމަކު ކޮންމެ މީހަކަށްވެސް ވާހަކަ ދެއްކޭނީ އެމީހެއް ވިސްނުން ތޫނުކަން ހުރި މިންވަރެއްގެ މައްޗަށް ބިނާކޮށް."

ދަނޑުވެރިކަމާއި، ދަނޑުވެރިންގެ ކަންތައްތަކާއި ބެހޭ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާ ޖޯޝީ ވަނީ ރާހުލް ގާންދީގެ ހިނގާލުން ޖައްމޫ އަދި ކަޝްމީރު ގައި އެހާ އޮމާން ކޮށް ދިއުމުން، އެކަމަށްވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ތައުރީފު ކުރައްވާފައެވެ.

" އޭގެ ތައުރީފުވެސް ހައްގުވަނީ ބޮޑު ވަޒީރަށް. މޯދީގެ ލީޑަރޝިޕްގެ ދަށުން އާޓިކަލް 370 އުވާނުލެވުނު ނަމަ، އަދި ޖައްމޫ އަދި ކަޝްމީރަށް ހަމަޖެހުން ނުގެނެވުނު ނަމަ، ރާހުލް ގާންދީ އަށް ލާލް ޗޯކްގައި ގައުމީ ދިދަ ނިއުޅުވައެއް ނުލެވުނީސް. ޖައްމޫ އަދި ކަޝްމީރުގައި ހަމަނުޖެހުން އެންމެ ވަރުގަދަ ވި އިރު، ބީޖޭޕީގެ ލީޑަރު މުރުލީ މަނޯހަރު ޖޯޝީ ވަނީ ލާލް ޗޯކުގައި ގައުމީ ދިދަ ވިހުރުވާލާފައި" ޖޯޝީ ވިދާޅުވެފައިވެއެވެ.

އާޓިކަލް 370 އަކީ ޖައްމޫ އަދި ކަޝްމީރަށް ހާއްސަ ހައިސިއްޔަތެއް ދީ، އަމިއްލަ ގާނޫނެއް އެކުލަވާލަން ހުއްދަ ދީ، 1949 ވަނަ އަހަރު އިންޑިއާގެ ގާނޫނަށް އެއްކުރެވުމު މާއްދާއެކެވެ.

މާމައާއި، ބައްޕަ އަވަހާރަކޮށްލެވުނު ކަމުގެ ހަބަރު ލިބިވަޑައިގަތް ވަގުތުތަކުގެ ހަނދާން އާކުރައްވަމުން ކޮންގްރެސްގެ ކުރީގެ ރައީސް ރާހުލް ގާންދީ މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައި ވަނީ، އަނިޔާވެރިވާ، އަދި އަނިޔާވެރިކަމަށް ހިތްވަރު ދޭ ފަރާތްތަކަށް އެ ވޭން ދުވަހަކުވެސް ނުވިސްނޭނެ ކަމަށެވެ.

" މޯދީ، އަމިތް ޝާހް، ބީޖޭޕީ، އާރްއެސްއެސް ފަދަ އަނިޔާވެރިކަމާއި ހަމަނުޖެހުމަށް ހިތްވަރު ދޭ ފަރާތްތަކަށް މި ވޭން ދުވަހަކުވެސް ނުވިސްނޭނެ. މީހަކަށް އެ ކޯލު ލިބުމުން އިހުސާސް ކުރެވޭ ވޭން ސިފައިންގެ މީހެއްގެ އާއިލާއަށް ވިސްނޭނެ، ޕުލްވާމާގައި މަރާލެވުނު ސީއާރްޕީއެފް ގެ މެމްބަރުންގެ އާއިލާތަކަށް ވިސްނޭނެ، ކަޝްމީރުގެ ރައްޔިތުންނަށް ވިސްނޭނެ." ރާހުލް ގާންދީ ވިދާޅުވިއެވެ.

ރާހުލް ގާންދީގެ މާމަ، އިންދިރާ ގާންދީ އާއި، ބައްޕަ، ރާޖީވް ގާންދީ އަކީ ކުރިން އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި ދެ ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަނަނަ

    އެ ދެ މަރުގެ ފަހަތުގަ އޮތީ ބީޖޭޕީ..