ސައުދި އަރަބިއްޔާގެ އުތުރުގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެއް އާއިލާއެއްގެ ހަތް މީހުން މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ހަ ކުޑަކުދިން ހިމެނެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އަލް ކުރައިޔަތު ގަވަރުނަރޭޓްގެ އަލް ތަޝީލަތު ޑިސްޓްރިކްޓްގެ ގެއެއްގައެވެ.

އިއްޔެގެ ފަތިހު ރޯވި އަލިފާންގަނޑު ނިއްވާލުމަށް ސިވިލް ޑިފެންސް ޓީމުތަކުން މަސައްކަތް ކޮށްފައިވެއެވެ.

ސިވިލް ޑިފެންސް ސާވިސްގެ ތަރުޖަމާނު ކެޕްޓަން އަބްދުއްރަހުމާން އަބްދުލްއަޒީޒް ވިދާޅުވީ ފަހުން އެގެއިން ތިން ކުޑަކުދިންނާއި ފިރިހެނެއްގެ ހަތަރު ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

އަދި އިތުރު ހަތަރު މީހަކު ވަނީ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައި ވެއެވެ. އޭގެ ތެރެއިން ތިން މީހަކު ފަހުން މަރުވީ އަލިފާނުގެ ހާދިސާގައި ލިބުނު ޒަހަމްތަކާއި ގުޅިގެންނެވެ.

"ފުރަތަމަ އިންސްޕެކްޝަނުން އެނގުނު ގޮތުގައި އަލިފާން ރޯވެފައިވަނީ ކުޑަކުދިންގެ ހަށިތައް ފެނުނު ގޭގެ ތިރީ ފަންގިފިލާގައި ކުޑަކުދިންނަށް ހާއްސަ ކޮޓަރިއެއްގެ ގޮތުގައި ބޭނުންކުރާ ކޮޓަރިއެއްގެ ތެރޭގައި."

އަދި އަލިފާން ގަނޑު އިތުރަށް ގޯސްވެ، މީހުން މަރުވުމުގެ ކުރިން އެކަން ދެނެގަތުމުގައި ޑިވައިސްއަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެއްކަން ފާހަގަކުރައްވައި އޭނާ ވަނީ ގޭގޭގެ ތެރޭގައި ސްމޯކް ޑިޓެކްޓަރު ހަރުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ސައުދީ ނިއުސް ޕޯޓަލް އަޚްބާރް24 އިން ބުނީ މަރުވެފައިވަނީ ބައްޕަ އާއި އޭނާގެ ހަ ދަރިން ކަމަށާއި އޭގެ ތެރޭގައި ހަތަރު ފިރިހެން ކުދިންނާއި ދެ އަންހެން ދަރިން ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚަލީލި

    انا لله و انا إليه راجعون