ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ދެން ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ ކަމަށާއި އޭނާ އުމުރު ދުވަސް ހޭދަކުރަން ޖެހޭނީ އަނދިރި ބިންގަރާހެއްގައި ބާލިދީގަނޑެއް ހިފައިގެން ކަމަށް ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ މިހެން ވިދާޅުވީ ކިއޭވްގެ އުތުރުގައި އޮންނަ ޔަހިދިން ނަމަކަށް ކިޔާ އަވަށަކަށް ޖަރުމަންވިލާތުގެ ވައިސް ޗާންސެލަރ ރޮބަޓް ހަބެކް އާއިއެކު ވަޑައިގެން ރަޝިއާގެ ހަނގުރާމައަށް އަހަރެއް ފުރުން ފާހަގަ ކުރުމަށް ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

ރަޝިއާ އިން މިދިޔަ އަހަރު ޔޫކްރޭނަށް ހަމަލާތައް ދޭން ފެށުމުން ޔަހިދިން އަވަށުގެ ބިންގަރާހެއްގައި 367 މީހުން ތާށިވިއެވެ. ސްކޫލެއްގައި ހުރި އެބިންގަރާހަކީ އެންމެ 200 އަކަ މީޓަރުގެ ބިންގަރާހެކެވެ. މަހެއްހައި ދުވަސް ވަންދެން އެމީހުން ބިންގަރާހުގައި ތިބެން ޖެހުނެވެ. ބިންގަރާސްތެރޭގައި ގިނަ ދުވަހު ތިބެން ޖެހުމުގެ ސަބަބުން 11 މީހަކު މަރުވިއެވެ. އޭގެތެރޭގައި 18 މަހުގެ ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ.

ބިންގަރާހުގައި ދިރިއުޅުނު މީހުން ބުނާ ގޮތުގައި ބިންގަރާހުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން މަރުވީ އޮކްސިޖަން ނުލިބިގެންނެވެ. "ވަރަށް ގަދަ ފިނީގައި އަހަރެމެން ތިބެން ޖެހުނީ. އެކަމަކު ގިނަ މީހުން މަރުވީ ބިންގަރާހުގައި މީހުން ގިނަވެ އޮކްސިޖަން ލިބުމުގައި ދަތިތައް ކުރިމަތިވުމުން." ބިންގަރާހުގައި ދިރިއުޅުނު އެކަކު ބުންޏެވެ.

ޔަހިދިން އަވަށަށް ޒެލެންސްކީ ކުރި ޒިޔާރަތުގައި މީހުން ދިރިއުޅުނު ބިންގަރާހަށް ވަދެ އެތަނުގެ ހާލަތު ބަލާލިއެވެ. "މިހުރިހާ މަންޒަރެއް ފެނުމުން އަހަރެންގެ އުއްމީދަކީ ރަޝިއާގެ ރައީސް އޭނާގެ އުމުރުގައި ބާކީ އޮތް ހުރިހާ ދުވަހެއް ކުޑަ ބިންގަރާހެއްގައި ފާހާނާ ކުރާނެ ބާލިދީއެއް ހިފައިގެން އުޅެން ޖެހޭނެ ކަމަށް." ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިއާ އާއި ޔޫކްރޭންގެ ދެމެދުގައި ކުރަމުންދާ ހަނގުރާމަ އަހަރަކަށްވުރެ ދިގު ދެމިގެން ގޮސްފައި ވާއިރު އަދިވެސް ހަނގުރާމަ އަވަހަށް ހުއްޓިދާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. މިހާރު ވެސް ޔޫކްރޭންގެ ބައެއް ސަރަހައްދުތަކުގައި ވަރުގަދައަށް ހަމަލާތައް ބަދަލު ކުރެވެމުން އެބަދެއެވެ. އަދި ދޭތެރެ ދޭތެރެއިން ރަޝިއާ އިން ދަނީ ޔޫކްރޭންގެ ވެރިރަށް ކިއޭވް ހިމެނޭހެން ވަރަށް ގިނަ ސަރަހައްދުތަކަށް މިސައިލްގެ "ވާރޭ" އޮއްސަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖުހާ.

    ކާޓޫނު ފިލުމުކުޅޭ ޖޯކަރަކު ތިއަހުރީ ބޯ ގޮވާފަ. ކަލޭ މަރުވާނީ ކިހިނެއްކަން ކަލެއަށް އެނގޭތަ.

    23
  2. ާހާނި

    މޮޔަ ސޮރެއް

    21
    1
  3. ހުސޭނުބޭ

    ތިމާ މީހާ ބިންގަރާހުގައި އޮވެގެން ކީކޭތަ މި ގޮވަނީ؟

    23
  4. ސަރުދާރު

    ހިނި އަންނަނީ.....

  5. ކަދުރޭ

    ޖޯކަރަކައް ވެރިކަން ދިނީމަ ގައުމައް ދިމާވާނެ ހުރިހާ ނިކަމެތި ކަމެއް މިދަނީ ފެންނަމުން. ހުޅަގުން ޖޯކަރު ލައްވާ ގައުމުގެ ރައިއްޔަތުން މަރާ ހުސްކުރަނީ. ހުޅަގުން ބޭނުން ވަނީ ގައުމުގެ މުއްސަދިކަން ބުލެކްމޭލް ކުރަން. ޖޯކަރައް އެވަރު ނޭގޭ.