އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ދެކޮޅަށް ދައުލަތުން ގިނަ ދައުވާތަކެއް އުފުލުމުން އޭނާ ރުޅިގަދަ ވެއްޖެއެވެ.

ޓްރަމްޕް ކޯޓަށް ހާޒިރުކޮށްފައި ވަނީ އެމެރިކާގެ ބަރަހަނާ ފިލްމު ކުޅޭ އަންހެނަކާއިއެކު ޓްރަމްޕް ބޭއްވި ނަހަމަ ގުޅުން ސިއްރު ކުރަން ފައިސާދީ، އެފައިސާ ދިންކަން ލިޔެކިޔުންތަކުން ނުފެންނަ ގޮތް ހެދި މައްސަލައިގައެވެ.

އެމައްސަލައިގެ ފުރަތަމަ އަޑުއެހުން މީގެ ކުޑައިރުކޮޅެއް ކުރިން ނިންމާލާފައިވާއިރު، އޭނާގެ މައްޗަށް ވަނީ 34 ދައުވާއެއް އުފުލާފައެވެ.

ދައުވާގެ އަޑުއެހުންތައް ނިންމާލުމަށްފަހު، ޓްރަމްޕް ނޫސްވެރިންނާއި ވާހަކަ ނުދެއްކި ނަމަވެސް އޭނާގެ ވަކީލުން ވަނީ ނޫސްވެރިންނާއި ވާހަކަ ދައްކާފައެވެ. އެވާހަކަތަކުގެ ތެރެއިން ވަކީލުން ވަނީ ޓްރަމްޕް ހުރީ "މާޔޫސްވެ" އަދި ރުޅިގަދަ ވެފައި ކަމަށެވެ.

ޓްރަމްޕުގެ ވަކީލު، ޓޮޑް ބްލަންޗޭ ވަނީ ޓްރަމްޕުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ދައުލަތުގެ ވަކީލުން ސިޔާސީ ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.

"މިއީ ރަނގަޅު ދުވަހެއް ނޫން. އަޅުގަނޑު އުންމީދެއް ނުކުރަން މިކަން މިހެން ވާނެ ކަމަކަށް. އެއްވެސް މީހަކު އުންމީދެއް ނުކުރާނެ މިފަދަ ކަމެއް ގައުމުގެ ރައީސަކަށް ކުރިމަތިވެދާނެ ކަމަށް" އޭނާ ބުންޏެވެ.

އެކަމާއި ގުޅޭ ގޮތުން މާ ގިނަ ވާހަކަތަކެއް ނުދައްކައި ޓްރަމްޕުގެ ވަކީލުން ބުނެފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށެވެ.

ޓްރަމްޕުގެ މައްޗަށް 34 ދައުވާއެއް އުފުލާފައިވާއިރު، އޭނާ އަކީ އެގައުމުގެ ރައީސުންތަކުގެ ތެރެއިން ޖިނާއީ ދައުވާއެއް އެމީހެއްގެ މައްޗަށް އުފުލާފައިވާ ފުރަތަމަ ރައީސްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހިދަރި

    ކިތަންމެމަތީ،ނުފޫޒްގަދަމީހެއްނަމަވެސް ގާނޫނާޚިލާފުކަމެއްކޮށްފިނަމަ ގާނޫނުއެފަރާތަކާއަރާ
    ހަމަކުރާނެ އެއީ ގާނޫނުގެ އަތްދިގުވާނެތީ ނަމަވެސްހިތާމައަކީ ގާނޫނުގެ ކުރިމަތީގައި ކުޑައެއް ބޮޑެއްނެތި ހަމަހަމަވާއިރު ބައެއްފަހަރު ތަފާތުވޭ މީގެމިސާލު ރާއްޖޭންފެނޭ

    1
    1