އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ނިއުޔޯކްގެ ޕްރެސެކިއުޓަރުން 34 ދައުވާއެއް އުފުލައި، އެދައުވާތައް ވަނީ ރޭ އިއްވާފައެވެ. ޓްރަމްޕްގެ މައްޗަށް އުފުލި ހުރިހާ ދައުވާތަކަކީ ވެސް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށް ބަރަހަނާ ފިލްމް ކުޅޭ އަންހެނަކަށް ދިން ފައިސާތަކުގެ ރެކޯޑް އޮޅުވާލި މައްސަލައިގައި އުފުލި ދައުވާތަކެވެ.

އެމެރިކާގެ މީޑިއާތަކަށް މައުލޫމާތު ދިން އެމެރިކާގެ ގާނޫނީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޓްރަމްޕްގެ މައްޗަށް އުފުލި ހުރިހާ ދައުވާތަކަކީ ވެސް ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ. އެހެންކަމުން އެދައުވާތައް ސާބިތު ކޮށްދޭން ޕްރޮސެކިއުޓަރުން ކުރަން ޖެހޭ މަސައްކަތް ވެސް ބޮޑުވެއެވެ.

ޕްރޮސެކިއުޓަރުން ސާބިތުކޮށްދޭން ޖެހޭނެ ކަމަކީ ޓްރަމްޕް އޭނާގެ ގާނޫނީ ވަކީލު މެދުވެރިކޮށް -/130000 އެމެރިކާ ޑޮލަރު ބަރަހަނާ ފިލްމް ކުޅޭ މީހަކަށް ދިނުމަށްފަހު އެ ކަމުގެ ރެކޯޑްތައް ނައްތާލީ ސީދާ ޓްރަމްޕްތޯ ނުވަތަ އެ ރެކޯޑްތައް ނައްތާލަން ޓްރަމްޕް ސީދާ ގޮތެއްގައި އެއްވެސް މީހަކަށް އެންގިތޯއެވެ.

ކޮލަމްބިއާ ޔުނިވަސިޓީގައި މަސައްކަތް ކުރައްވާ ކުރީގެ ޕްރޮސެކިއުޓަރު ޖޯން ކޮފީ ވިދާޅުވީ ޓްރަމްޕްގެ ގާނޫނީ ވަކީލު އަންހެނަކަށް ފައިސާ ދިން ކަމާއި، އަދި އެފައިސާގެ ރެކޯޑްތައް އޮޅުވާލުން އެއީ ޓްރަމްޕްގެ އެނގުމުގެ ތެރެއިން ހިނގި ކަމެއްކަން ސާބިތު ކޮށްދިނުން އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. "ބޮޑު ކުންފުންޏެއްގެ މާލީ ހިސާބުތަކަކީ އެކުންފުންޏެއްގެ އެންމެ އިސްވެރިޔާ ދުވަހުން ދުވަހަށް ބަލައިގެން ކުރިއަށް ގެންދާ ކަންކަމެއް ނޫން. އެހެންކަމުން އެހިސާބުތައް އޮޅުވާލީ ޓްރަމްޕް ކަން ސާބިތު ކޮށްދިނުން އެއީ ފަސޭހަ ކަމަކަށް ނުވާނެ." ޖޯން ވިދާޅުވިއެވެ.

ޓްރަމްޕް ލިޔެކިޔުންތައް އޮޅުވާލިކަން ސާބިތުވި ނަމަވެސް އެކަން ކުށަކަށް ވާނީ އެއީ 2016 ވަނަ އަހަރުގެ އިންތިހާބަށް އަސަރެއް ކޮށްފާނެތީ ކުރިކަމެއްކަން ސާބިތުވެގެން ކަމަށް ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް ޓްރަމްޕް ލިޔެކިޔުންތައް އޮޅުވާލިކަން ސާބިތުވި ނަމަވެސް އެއީ އާއިލީ މައްސަލަތަކެއް ދިމާވެދާނެތީ ކުރިކަމެއް ކަމަށް ބުނުމުގެ ފުރުސަތާއި އެކަން ސާބިތު ކޮށްދިނުމުގެ ފުރުސަތު ވެސް ޓްރަމްޕަށް އޮންނާނެ ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެއެވެ.

ކޮންމެއަކަސް ކުރިއަށް އޮތް ދުވަސްތަކަކީ އެމެރިކާގެ ރައީސަކުގެ މައްޗަށް ޝަރީއަތް ހިނގާ މަންޒަރު ފެންނާނެ ދުވަސްތަކެކެވެ. މިއީ ދުނިޔޭގެ ސަމާލުކަން ހުއްޓޭނެ، އެމެރިކާގެ ތާރީޚް އަލުން ލިޔަން ޖެހޭވަރުގެ ބޮޑު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު