އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން، މުސްލިމުންގެ ތިން ވަނަ އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ މަސްޖިދުލް އަގްސާ އަށް ދިން ހަމަލާތަކަށް ފަހު އިސްރާއީލް އާއި ފަލަސްތީނުގައި ހަމަނުޖެހުންތައް ހިނގަމުން އަންނަ ކަމަށް ބައިނަލްއަގުވާނީ މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ފަލަސްތީނުގެ ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރު ކައިރީގައި ފަލަސްތީނުގެ އާންމުން ދަނީ ޓަޔަރު އަންދައި އަމިއްލަ އަށް ތައްޔާރުކޮށްފައިވާ ގޮވާތަކެތިން އިސްރާއީލްގެ ސަރަހައްދުތަކަށް ހަމަލާތައް ދޭން މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުން އިސްރާއީލުން އަތްގަދަކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ވެސް ދަނީ ހަމަނުޖެހުން ހިނގަމުންނެވެ.

އިސްރާއީލް ސިފައިން ގެންގުޅުނު ބައެއް ތަކެތި.

އިސްރާއީލްގެ އަރަބިން ދިރިއުޅޭ ބަގާ އަލް ގަރްބިޔާ، އަރަބާ، ރެއިނެހް، ކަފްރް، ކަންނަ އަދި ކަފްރް މަންޑަގައި ވެސް ހަމަނުޖެހުންތައް ހިނގަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އިސްރާއީލް ސިފައިން އަގްސާ މިސްކިތުގެ ތެރެއަށް ވަދެ ނަމާދަށް ތިބި މީހުންނަށް ރައިފަލްގެ މުއްގަނޑުންނާއި، މުގުރު ބުރިތަކުން ހަމަލާ ދީފައި ވެއެވެ. އެތައް ބަޔަކު މިސްކިތްތެރެއަށް ވައްޓާލައިގެން އެމީހުންނަށް އިސްރާއީލް ސިފައިން އަނިޔާ ކުރަމުން ދިޔަ މަންޒަރު ވެސް ފެނުނު ކަމަށް މީޑިއާތަކަށް މައުލޫމާތު ދިން މީހުން ބުނެފައި ވެއެވެ.

އިސްރާއީލް ސިފައިން އަގްސާ މިސްކިތްތައް ވަދެ، ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމާސް ޖަމާއަތުން ވަނީ އަގްސާ މިސްކިތް ހިމާޔަތް ކުރުމުގައި ދެމިތިބޭނެ ކަމަށް ބުނެފައެވެ.

އިސްރާއީލް ސިފައިން އަގްސާ މިސްކިތް ކައިރީގައި.

ފަލަސްތީންގެ ބޮޑުވަޒީރު މުހައްމަދު ސައްތާހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަގްސާ މިސްކިތުގައި ނަމާދު ކުރުމަކީ ހުރިހާ މުސްލިމުންނަށް ވެސް އޮތް ހައްގެއް ކަމަށާއި ޔަހޫދީން އެމިސްކިތައް ވަދެ، މިސްކިތުގެ ހުރުމަތް ކެނޑުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އިސްރާއީލުން ގުދުސް އާއި ހުޅަނގު އައްސޭރީގައި ހިންގާ ޖަރީމާތަކާއި އަނިޔާވެރި އަމަލުތައް ވަނީ ފާއިތުވި ދެއަހަރު ކުރިއަށް ވުރެވެސް އިތުރު ކޮށްފައެވެ.