އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން، މަސްޖިދުލް އަގްސާ އަށް ވަދެ، އެ ތަނުގައި އަޅުކަން ކުރަން ތިބި ފަލަސްތީން ރައްޔިތުންނަށް ހުރަސް އެޅުމުގެ އެއްވެސް ހައްގެއް ނެތް ކަމަށް ފަލަސްތީނުން އދ. ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޔާދު މަންސޫރު މިރޭ ވިދާޅުވެއްޖެއެވެ.

އިސްރާއީލްގެ ފުލުހުންނާއި ސިފައިން ރެއާއި މިރޭ އަގްސާ މިސްކިތަށް ވަދެ، އަޅުކަމުގައި ތިބި މީހުންނަށް ހަމަލާދީ ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އިސްރާއީލް އަސްކަރިއްޔާ އިން އެމީހުން ހައްޔަރު ކުރީ އަގްސާގެ ތެރޭގައި ނަމާދުކޮށް ގުރުއާން ކިޔަވައި ރޭއަޅުކަން ކުރަން ތިއްބައެވެ.

ޔަހޫދީ ސިފައިންނާއި ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ފަދަ ހަތިޔާރުތައް ބޭނުންކޮށްގެން އަގްސާ މިސްކިތުން މުސްލިމުން ފޮނުވާލައިފައެވެ. އަދި މިސްކިތް ދޫކޮށް ދާން ދެކޮޅު ހެދި މީހުންގެ ގައިގައި މުގުރު ބުރިން ތަޅައި ވަރަށް ބޮޑަށް ވަނީ އަނިޔާކޮށްފައެވެ.

ފަލަސްތީނުން އދ. ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޔާދު މަންސޫރު ވިދާޅުވީ އަޅުކަން ކުރަން ތިބި ފަލަސްތީންގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމުގެ އެއްވެސް ހައްގެއް އިސްރާއީލަށް ނޯންނާނެ ކަމަށެވެ.

ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރިޔާދު ވަނީ އިސްރާއީލްގެ ސިފައިންނާއި ފުލުހުން އަގްސާ މިސްކިތަށް ވަދެ، އެ ތަނުގައި ހަމަނުޖެހުން ހިންގި މައްސަލަ ކުށްވެރި ކުރައްވައިފައވެެ.

އޭނާ ވިދާޅުވި ގޮތުގައި އަގްސާ މިސްކިތުގައި އިސްލާމް ދީނަށް އަޅުކަން ކުރުމުގެ ހުރިހާ ހައްގެއް ލިބިގެން ވަނީ ފަލަސްތީނުގެ މުސްލިމުންނަށެވެ.

"ފަލަސްތީން މުސްލިމުންނަށް ލިބިގެންވާ ހައްގެއް އެއީ އަގްސާ މިސްކިތުގައި ދީނީ އަޅުކަންތައްކޮށް ނަމާދު ކުރުމަކީ މި ރަމަޟާން މަހާއި އެހެނިހެން ދުވަސްތަކުގައި ވެސް،" ރިޔާދު ވިދާޅުވިއެވެ.

"އެތަނުގައި ނަމާދު ކުރަންވީ ކޮން އިރަކުތޯ އާއި ނަމާދު ނުކުުރެވޭނީ ކޮން ވަގުތެއްގައި ކަން ބުނެ ދިނުމުގެ ހައްގެއް އިސްރާއީލްގެ އަސްކަރިއްޔާ އަކަށް ނޯންނާނެ،"

މި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝަތިއްޔާ ވިދާޅުވީ އެއީ އިސްރާއީލް ސިފައިން ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ. އަގްސާ މިސްކިތުގައި އަޅުކަން ކުރުމަކީ އިސްރާއީލް ސިފައިންގެ ހުއްދަ ހޯދަންޖެހޭ ކަމެއް ނޫން ކަމަށާއި، އެ ތަނުގައި އަޅުކަން ކުރުމަކީ ފަލަސްތީން ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލް ސިފައިން އަގްސާ މިސްކިތް ތެރެއަށް ވަދެ، އެ ތަނުގައި ނަމާދު ކުރަން ތިބޭ މީހުންނަށް އަނިޔާ ކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. މި ރޯދަ މަސް ފެށުނު ފަހުން އިސްރާއީލްގެ އަސްކަރިއްޔާގެ އަނިޔާވެރިކަން ވަނީ ހައްދުފަހަނަ އަޅައިގެން ގޮސްފައެވެ.