އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން، މަސްޖިދުލް އަގްސާ އަށް ވަދެ، އެމީހުންގެ ނުލަފާކަން ދައްކަމުން އަންނާތީ އެކަމާ ދެކޮޅަށް ތުރުކީގައި މުޒާހަރާކޮށްފިއެވެ.

ތުރުކީ ރައްޔިތުން މުޒާހަރާކޮށްފައި ވަނީ އެ ގައުމުގެ ވެރިރަށް އިސްތަންބޫލްގައި ހުންނަ ފާތިހް މިސްކިތް ކައިރީގައެވެ. އެ މިސްކިތް ކައިރި އަށް ގިނަ ބަޔަކު އެއްވެ، އިސްރާއީލްއާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ.

އަދި އަލް އަގްސާ މިސްކިތުގައި އަޅުކަން ކުރަން ތިބި ފަލަސްތީނުގެ މުސްލިމުން އެ މިސްކިތުން އަނިޔާވެރި ގޮތަކަށް ނެރެ، ބައެއް މީހުން ހައްޔަރު ކުރުމާ ގުޅިގެން އެކަން ތުރުކީ ރައްޔިތުން ކުށްވެރިކުރިއެވެ.

އިސްރާއީލް އާ ދެކޮޅަށް ތުރުކީގައި މުޒާހަރާ ކުރަނީ.

ފަލަސްތީންގެ ދިދަ ހިފައިގެން މުޒާހަރާ ކުރި މީހުން ވަނީ އިސްރާއީލްގެ ހަރުކަށި ސިފައިންނާއި ފުލުހުން، ފަލަސްތީން ރައްޔިތުންނަށް ކުރަމުން އަންނަ އަނިޔާތައް ކުށްވެރިކޮށްފައެވެ.

އިސްރާއީލް ފުލުހުންނާއި ސިފައިން މި ރޯދަ މަހު ވަނީ ދެ ފަހަރެއްގެ މަތިން އަގްސާ މިސްކިތަށް ވަދެ، އެ ތަނުގައި އަޅުކަން ކުރަން ތިބި ފަލަސްތީން ރައްޔިތުން ނެރެފައެވެ. އެއަށްފަހު، އިސްރާއީލްގެ ޔަހޫދީން އެ ތަނުގައި އަޅުކަން ކުރުމުގެ ފުރުސަތު އިސްރާއީލް ފުލުހުން ވަނީ ދީފައެވެ. ރެއިން ފެށިގެން އެ މިސްކިތަށް ފަލަސްތީންގެ މުސްލިމުން ވަނުމަށް އިސްރާއީލް ފުލުހުން ވަނީ ދެކޮޅު ހަދައިފައެވެ.

ފަލަސްތީން މުސްލިމުން މިސްކިތުން ނެރުމަށް އިސްރާއީލް ސިފައިން ވަނީ ހަތިޔާރާއެކު އަލް އަގްސާ އަށް ވަދެ، އަޅުކަން ކުރަން ތިބި މީހުންނަށް މުގުރު ބުރިންނާއި ކަރުނަ ގޭހާއި ސްޓަން ގްރެނޭޑާއި ރަބަރު ވަޒަން ފަދަ އެއްޗެހި ބޭނުންކޮށްގެން އަނިޔާކޮށް، ބައެއް މީހުން ހައްޔަރުކޮށްފައެވެ. އިސްރާއީލްގެ ޔަހޫދީ ސިފައިން އަނިޔާ ކުރި މީހުންގެ ތެރޭގައި މިސްކިތަށް ގޮސް ތިބި އަންހެނުން ވެސް ހިމެނެއެވެ.

މި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝަތިއްޔާ ވިދާޅުވީ އެއީ އިސްރާއީލް ސިފައިން ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ. އަގްސާ މިސްކިތުގައި އަޅުކަން ކުރުމަކީ އިސްރާއީލް ސިފައިންގެ ހުއްދަ ހޯދަންޖެހޭ ކަމެއް ނޫން ކަމަށާއި، އެ ތަނުގައި އަޅުކަން ކުރުމަކީ ފަލަސްތީން ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.