އިސްރާއީލުން ޣައްޒާއަށް ރޮކެޓް ހަމަލާތައް ދޭން ފަށައިފިއެވެ.

އިސްރާއީލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނީ، ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ލުބުނާނުން އެގައުމަށް ދިން ހަމަލާތަކާއި ގުޅިގެން ޣައްޒާއަށް ރޮކެޓް ހަމަލާތައް ދޭން ފަށާފައިވާ ކަމަށެވެ. އަދި މި ހަމަލާގެ އިތުރު މައުލޫމާތު ފަހުން އާންމު ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފަށާފައިވާއިރު، މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އިސްރާއީލުން ދަނީ ޣައްޒާގެ 3 ސަރަހައްދަކަށް ހަމަލާދެމުންނެވެ. ނަމަވެސް މިހަމަލާގައި އެއްވެސް މީހަކު ޝަހީދުވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.

ޣައްޒާއަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން އަރާފައި ދުންގަނޑެއް-- ފޮޓޯ: އޭއެފްޕީ

ރިޕޯޓްތަކުން ބުނާ ގޮތުގައި މިހާރު އިސްރާއީލުން ދެމުން އަންނަ ހަމަލާތަކަކީ ބޮޑު ހަމަލާއެއް ދިނުމުގެ ކުރިން އެގައުމުން ދެމުން އަންނަ ހަމަލާތަކެވެ. އެހެން ކަމުން ކުރިއަށް އޮތް ވަގުތުތަކުގައި އިތުރު ބޮޑު ހަމަލާއެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ މި ހަމަލާތަކަކީ ލުބުނާނުން އިސްރާއީލުގެ ދެކުނު ސަރަހައްދަށް ދިން މިސައިލް ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކެއް ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

ލުބުނާނުން ވަނީ އިސްރާއީލަށް 34 މިސައިލް ހަމަލާ ފޮނުވާފައެވެ.