އިސްރާއީލުގެ ހައްދު ފަހަނަ އަޅާފައިވާ ސިފައިން ޕަލަސްތީނުގެ ޒުވާނަކަށް ވަރަށް އިހާނެތިކޮށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެނިގެން ދަނީ ފިހާރައެއްގެ ގުދަނެއް ކަހަލަ ތަނެއްގައި މަސައްކަތް ކުރަމުން ދިޔަ ފަލަސްތީނުގެ ޒުވާނާއަށް އިސްރާއީލް ސިފައިން ހަމަލާދޭން މަންޒަރެވެ.

ހަމަލާ ދިނުމުގެ ކުރިން އެޒުވާނާއާއި ދިމާލަށް ދުވެފައި އައީ އެންމެ ސިފައިންގެ މީހެކެވެ. އޭނާގެ ފަހަތުން 4-5 ވަރަކަށް ސިފައިން އެތަނުގެ ތެރެއަށް ވަދެ އަތުންނާއި ފައިން ހަމަލާދޭ މަންޒަރު ވީޑިއޯއިން ފެނެއެވެ. އަދި ޒުވާނާގެ ކަރުގައި ބާރަކަށް ހިފުމަށްފަހު، ލޮލަށް ޕެޕަރ ސްޕްރޭ ޖަހާ މަންޒަރު ވެސް ވީޑިއޯއިން ފެނިގެން ދެއެވެ.

މިހާދިސާއާއި ގުޅިގެން ޒުވާނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް މީޑިއާތަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

އިސްރާއީލް ސިފައިން ފަލަސްތީނުގެ ޒުވާނަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، ލުބުނާނުން އިސްރާއީލަށް ދިން ހަމަލާތަކާއި ގުޅިގެން އިސްރާއީލުން މިރޭ ވަނީ ޣައްޒާއަށް ހަމަލާދޭން ފަށާފައެވެ. ނަމަވެސް މިހަމަލާގައި އެއްވެސް މީހަކު ޝަހީދުވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު