ކެނެޑާގެ އެންމެ އާބާދީ ބޮޑު ސަރަޙައްދުތަކަށް ފިނީގެ ތޫފާނެއް އަރައި ހިނގި ހާދިސާތަކުގައި ދެ މީހަކު މަރުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި އެގައުމުގެ އިރުމަތީގެ ސަރަހައްދުތަކަށް އައި މި ތޫފާނުގެ ސަބަބުން ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓުގެ ހިދުމަތް ވެސް ކެނޑިފައެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި މިލިއަނަކަށްވުރެ ގިނަ މީހުންނަށް ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ތޫފާން އައިސްފައިވަނީ އެގައުމުގެ ކިއުބެކް އާއި އޮންޓާރިއާ ސަރަހައްދަށެވެ. ކުއެބެކާއި އޮންޓާނިރޯއަކީ ކެނެޑާގެ އާބާދީ އެންމެ ބޮޑު ދެ ރަށެވެ. އެ ސަރަޙައްދުގައި 39 މިލިޔަން މީހުން ދިރިއުޅެއެވެ.

މިހާދިސާއާއި ގުޅިގެން އެގައުމުން ދެ މީހަކު މަރުވެފައިވާއިރު، އޭގެ ތެރެއިން އެކަކު މަރުވެފައިވަނީ ގަހެއްގެ ދަށު ވެގެންނެވެ. އަނެކަކު މަރުވެފައިވަނީ ގަހެއްގެ ގޮފިގަނޑެއް ބިންދައިގެން އައިސް އެމީހާގެ ގައިގައި ޖެހިގެންނެވެ.

އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ފިނީގެ ތޫފާނުގެ އިންޒާރު މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި އަދި ހުރިހާ ކަމެއް ވެސް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ކުއެބެކާއި އޮންޓާރިޔޯގެ އިތުރުން އެގައުމުގެ އެހެން ސަރަހައްދަކަށް ވެސް ފިނީގެ ތޫފާނުގެ އަސަރު ވަނީ ކޮށްފައެވެ. ނަމަވެސް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.