އިސްރާއީލުގެ ވެރިރަށް ޓެލް އަވިވްއަށް ދިން ހަމަލާގައި ފަތުރުވެރިއަކު މަރުވެއްޖެއެވެ. މިއީ ފާއިތުވި 12 ގަޑިއިރު ތެރޭ އިސްރާއީލުން މަރުވި ތިން ވަނަ މީހާއެވެ.

ޓެލް އަވިވްއަށް ބަޔަކު ހަމަލާދީފައިވަނީ ބަރު ހަތިޔާރު ބޭނުން ކޮށްގެން ކާރުން އެސަރަހައްދުގައި އެވަގުތު ތިބި ބައެއް މީހުންގެ ގައިގައި ކާރުން ޖައްސައިގެންނެވެ.

މިހަމަލާގައި އެކަކު މަރުވެފައިވާއިރު، ހަ މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި މިހާދިސާގައި މަރުވެފައިވަނީ އުމުރުން 30 އަހަރުގެ އިޓަލީގެ ފަތުރުވެރިއެކެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ހަމަލާ ހުއްޓުވާފައިވަނީ އިސްރާއީލުގެ އާންމުންގެ ބައެކެވެ. އެގޮތުން އެފަރާތްތަކުން ތުހުމަތު ކުރެވޭ މީހާގެ ގަޔަށް ބަޑި ޖަހައި މަރާލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އިސްރާއީލަށް ދިން ހަމަލާގެ މަންޒަރެއް

އިސްރާއީލުގެ މީޑިއާތަކުން ބުނާ ގޮތުގައި ކާރު ދުއްވަން ހުރި މީހާ އެންމެ ފުރަތަމަ ވަނީ ކާރުގެ ކުޑަދޮރު ތިރިކޮށް، އެސަރަހައްދުގައި އެވަގުތު ތިބި މީހުންގެ ގަޔަށް ބަޑި ޖަހަން ފަށާފައެވެ. އަދި އެސަރަހައްދުގައި ތިބި މީހުންގެ ގައިގައި ކާރުން ޖެއްސުމަށްފަހު، ކާރުން ފައިބައި އިތުރަށް ބަޑި ޖަހަން ފެށިކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

އޭނާ ކާރުން ފައިބައިފަނީ ކާރު ފުރޮޅާލުމުން ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

މިހާދިސާ ހިނގާދިޔަ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި އާންމުވެފައިވާއިރު، ރިޕޯޓްތަކުން ބުނީ، އެ ހަމަލާ ދީފައިވަނީ އަރަބި މީހެއް ކަމަށެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެނިގެން ފުރޮޅާފައި އޮއް ކާރު ކައިރީގައި އިސްރާއީލް ސިފައިން ހަރަކާތްތެރިވާ މަންޒަރެވެ. އަދި ބިންމަތީގައި އޮތް މީހަކަށް ފުލުހުން ހަމަލާދޭ މަންޒަރު ވެސް ފެނެއެވެ. ބެލެވޭ ގޮތުގައި އެއީ ކާރު ދުއްވަން ހުރި މީހާއެވެ.