ފަލަސްތީނާއި އިސްރާއީލާއި ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، އުފެދިފައި އޮތް ދެބަސްވުންތަކަށް ދާއިމީ ހައްލެއް ގެނެސް ދެގައުމު ސުލްހަ ކުރުމަށް ޗައިނާ އިން ބޭނުންވާ ކަމަށާއި އެކަމުގައި މަންދޫބެއްގެ ދައުރު އަދާކުރަން ތައްޔާރަށް އޮތްކަމަށް ޗައިނާ އިން ބުނެފިއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ޝިން ގާންގް މިދިޔަ ހޯމަ ދުވަހު ފަލަސްތީނާއި އިސްރާއީލްގެ ހާރިޖީ ވަޒީރަށް ވަކިވަކިން ފޯނުން ގުޅުއްވައި ޗައިނާގެ ހުށަހެޅުން ވަނީ ވިދާޅުވެއްދެއްވާފައެވެ.

ޗައިނާގެ ހާރިޖިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ގައުމުގެ ޚާރިޖީ ވަޒީރުންނާ އެކު ކުރެއްވި މަޝްވަރާގައި، ޚާރިޖީ ވަޒީރު ޝިން ގާންގް ވަނީ، އިސްރޭލާއި ފަލަސްތީނުގެ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދާތީ، އެކަމާ ޗައިނާ ކަންބޮޑުވުން އޮތް މިންވަރު ހާމަކޮށްދެއްވާފައެވެ.

ގާންގް ވަނީ ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް އެދިވަޑައިގެންފައެވެ. އަދި ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް ކުރަން ޖެހޭ ކަންކަން ޗައިނާ އިން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ގާންގް ދެއްވިއެވެ.

ގާންގްގެ ފޯން ކޯލްގައި އިސްރާއީލްގެ ހާރިޖީ ވަޒީރު އެލީ ކޯހަން ވަނީ އީރާންގެ ނިއުކްލިއާ ހަކަތައިގެ ޕްރޮގްރާމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ގާންގް އާއި ހިއްސާ ކޮށްފައެވެ. އަދި ދާދިފަހުން ޗައިނާ އިސްވެ އޮވެ، އީރާނާއި ސައުދީ އަރަބިއްޔާ ސުލްހަ ކުރުމަކީ އީރާނުން ނިއުކްލިއާ ހަކަތަ އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތައް ލިބުނު ހިތްވަރެއް ކަމަށް ކޯހަން ބުންޏެވެ. ނަމަވެސް އެކަމުގެ ރައްދުގައި ޗައިނާގެ ފޮރިން މިނިސްޓަރ ގާންގް ވަނީ މަޝްވަރާ ކޮށްގެން ކަންކަން ހައްލު ކުރެވޭނެ ކަމުގެ މިސާލު ސައުދީ އަރަބިއްޔާ އާއި އިރާނުން ދައްކައިފި ކަމަށް ވިދާޅުވެފައެވެ.

ފަލަސްތީންގެ ހާރިޖީ ވަޒީރު ރިޔާދް އަލް-މާލިކީ ވަނީ ޗައިނާ އިސްވެ އޮވެ އިސްރާއީލާއި ފަލަސްތީންގެ ސުލްހައިގެ ވާހަކަތައް އަވަހަށް ފަށައިދިނުމަށް އެދިވަޑައިގެންފައެވެ. އެމަޝްވަރާތަކަށް ފަލަސްތީންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރިޔާދް ދެއްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލާއި ފަލަސްތީންގެ ދެމެދުގައި އެކަށީގެންވާ މަޝްވަރާތަކެއް ނުކުރެވޭތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. އެންމެ ފަހުން ދެގައުމުގެ އޮފިޝަލުން ބައްދަލު ކުރީ 2014 ވަނަ އަހަރު އެވެ. އެފަހަރު ވެސް ދެގައުމުގެ ޒަމާންވީ މައްސަލަތަކަށް ހައްލެއް ހޯދަން މަޝްވަރާ ކުރެވިފައެއް ނުވެއެވެ.

އިސްރާއީލާއި ފަލަސްތީންގެ މައްސަލަ ހައްލު ކުރަން ޗައިނާ އިން އިސްނަގާފައި މިވަނީ ސައޫދީ އަރަބިއްޔާ އާއި އީރާނާ ދެމެދު 2016 ވަނަ އަހަރުން ފެށިގެން ސިޔާސީ ގުޅުން މެދުކަނޑާލާފައި ވަނިކޮށް، ޗައިނާ މެދުވެރިއެއްގެ ދައުރު އަދާކޮށް އެ ދެ ގައުމު ސުލްހަކޮށް ދުނިޔެ ހައިރާން ކޮށްލުމަށް ފަހު އެވެ. ޗައިނާ އަށް ވެސް ސައުދީ އާއި އީރާން ސުލްހަ ކުރެވިދާނެ ކަމަށް ކުރިން ގިނަ މީހުން ގަބޫލެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މީރާ

    ޗައިނާ ނިކުމެއްޖެއްޔާ ތިކަން ވާނެ.، އެމެރިކާ ތިކަން ކޮށް އުޅުނީ އެއްބަޔަކު އަނެއް މަޔަކު ޖައްސައިގެން.ޗައިނާ ނިކުތީމަ ސައުދީޔާ އީރަނުވެސް ގުޅެއްޖެ.

    26
    1
  2. ޖަވިއަނި

    ކޮން އިޒްރާއީލް އެއް ، މައްސަލަޖެހިގެން އުޅެނީ 2 ޤައުމެއްގެ ދެމެދުގައެއް ނޫން މައްސަލަ އުފެދުނީ ފަލަސްތީންގެ ބިމުގަ ، ފަގީރު ނިކަމެތި ބޯހިޔާކޮށްލާނެފަދަ ތަންކޮޅެއްހާ ހިސާބުވެސް ނެތް ބަޔަކު އެރަށަށް މެހެމާނުންގެ ގޮތުގައި ގެނާމަ އެތަނުގަ ވަޒަންވެރިވެ އަމިއްލެއަށް އިޒްރޭލް އޭ ކިޔައިގެން އުޅޭތީ ( ދުނިޔޭގެ މުއްސަނދި ވިޔަފާރިވެރިންގެ އެހީގަ )

    25
  3. އަހްމަދު

    ކާމިޔާބީއަށް އެދެން.

    22
  4. ޖުހާ.

    އިޒްރޭލު ކިއާ ގައުމެއް ނޯންނާނެ. ސަޢުދީ ޢަރަބިއާ ކިއާ ގައުމެއްވެސް އޮވެގެން ނުވާނެ.

    6
    1
  5. ބުނާނީ

    އިޒުރޭލަކީ ނައްތާލަންޖެހޭ ތަނެއް. އެކަމަކު، ފަލަސްތީނަށް މިވަގުތުން މިވަގުތަށްވެސް ދައުލަތެއް އިއުލާންކުރަންޖެހޭ

    10