މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ވަރުގަދަ ރޮކެޓް ޖައްވަށް ފޮނުވާލުމަށް އުދުއްސާލިތަނުން އަލިފާން ރޯވެ ކުދިކުދި ވެއްޖެއެވެ. މިއީ ބިލިއަނަރު އީލޮން މަސްކްގެ ސްޕޭސް އެކްސް އިން އުފެއްދި ރޮކެޓެކެވެ.

އެމެރިކާގެ ޓެކްސަސް އިން ސްޕޭސް އެކްސްގެ ރޮކެޓް އުދުއްސާލިތާ ދެތިން މިނެޓް ތެރޭގައި ރޮކެޓްގެ ކޮންޓްރޯލް ގެއްލި ރޮކެޓް ވަނީ ގޮވާފައެވެ. ރޮކެޓް ގޮވި ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ސްޓާޝިޕްގެ ނަން ދީފައިވާ ރޮކެޓް ގޮވި ހާދިސާއަށް ފަހު އީލޮން މަސްކް ބުނީ ޖައްވަށް ފޮނުވަން އުޅުނު ރޮކެޓް އަމާޒަށް ވާސިލް ނުވަނީސް ވެއްޓުނު ނަމަވެސް ރޮކެޓް އުފެއްދުމުގެ މަސައްކަތް ހުއްޓައި ނުލާނެ ކަމަށެވެ. މިއަދު ޖައްވަށް ފޮނުވަން އުޅުނު ބާވަތުގެ ރޮކެޓް ވަރަށް އަވަހަށް އަނެއްކާވެސް ޖައްވަށް ފޮނުވަން މަސައްކަތް ކުރާނެ ކަމަށް ވެސް އީލޮން މަސްކް ބުންޏެވެ.

"އަވަސް އަވަހަށް ރޮކެޓްތައް ޓެސްޓް ކުރުމަކީ ވެސް ކާމިޔާބެއް. މި މިޝަން ނާކާމިޔާބު ވެދާނެތީ އަހަރެމެން ބިރެއް ނުގަނޭ. ދާދިއަވަހަށް ދެވަނަ ރޮކެޓް އުދުއްސާލަން ތައްޔާރު ކުރާނަން." އީލޮން މަސްކް ބުންޏެވެ.

ސްޕޭސް އެކްސްގެ އިންޖިނިއަރުން ބުނާ ގޮތުގައި ރޮކެޓް އުދުއްސާލެވުމަކީ ވެސް ކާމިޔާބެކެވެ. "ރޮކެޓް އުދުއްސާލަން ބޭނުން ކުރާ ލޯންޗިން ޕެޑަށް ގެއްލުމެއް ނުލިބުން އެއީ ވެސް ކާމިޔާބެއް." އިންޖިއަނަރަކު ބުންޏެވެ.

ސްޓާޝިޕް ރޮކެޓަކީ 100 ޓަނުގެ މުދާ އެއް ދަތުރުން ޖައްވަށް ގެންދެވޭ ފެންވަރަށް ތަރައްގީ ކުރާ ރޮކެޓެކެވެ. އެހެންކަމުން މި ރޮކެޓް ކާމިޔާބު ކަމާއިއެކު ޖައްވަށް ފޮނުވިއްޖެނަމަ އެކަން ވެގެން ދާނީ ޖައްވަށް މުދާ އުފުލުމަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަކަށެވެ.

ރޮކެޓް ވެއްޓުނު ހާދިސާ އާއި ގުޅިގެން އެމެރިކާގެ ފެޑްރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން ވަނީ ތަހްގީގެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝެއިޚް ނަސްރުﷲ

    ފޮނުވާލިތާ މިނެޓެއް ނުވެ ރޮކެޓް ގޮވުމަކީވެސް ކާމިޔާބެއް..ދެންފޮނުވާ ރޮކެޓްގަ އީލޮންމާސްކް އިންދާ ގޮވައިފިނަމަ އަދި އެއީ މާބޮޑު ކާމިޔާބެއް..

    11
    1
    • ނެތޭ

      މީހަކު މަރުވެއްޖިއްޔާ ކަލޭމެން ވަރަށް އުފާވާނެ. ކަލޭމެނަށް ހަޖޫ ޖެހޭކަށް ނެތޭ އެމީހުން އުޅެނީ މާކުރީގައޭ. ދެން ބުނޭ ދިނޭ ! ސުވަރުގެއަށް ވަންނާނީ މާތްﷲ އިރާދަކުރެއްވި ބަޔެއް. .އޭނާގެ ނިމުންވެސް އިރާދަކުރައްވާނީ މާތް ﷲ، ފަހަރެއްގައި ކަލެއަށް ވުރެ ރަނގަޅު ނިމުމަކުން އޭނާ ނިމުންވެސް އެކަށީނގެންވޭ. މޮޅަށް ދެނެވޮޑިގެން ވަނީ މާތް ﷲ.

      6
      1
      • ޖުލައި

        އަސްތާ މިއީ ހާދަ މޮޅު ދީނީ އިލްމްވެރި އެއް..އެއްވެސް ދީނެއް ގަބޫލު ނުކުރާ އޭތިސްޓަކުވެސް އެ ފޮނުވާލީ ސުވަރުގެ އަށް. ވަޓް އެ ޖޯކް.