އެމެރިކާ އަސްކަރިއްޔާގެ އެންމެ ބޮޑެތި ސިއްރުތަކުގެ ތެރޭގައި ހިމެނޭ ގިނަ އަދަދެއްގެ ލިޔުންތައް އިންޓަނެޓްގައި ލީކް ކޮށްލި ސިފައިންގެ މީހާ ޖެކް ޓެޝާ ސިއްރުތައް ލީކް ކުރަަމުން އަންނަތާ ކުރިން ހީކުރިވަރަށް ވުރެ މާގިނަ ދުވަސް ވެފައިވާ ކަމަށް އެމެރިކާގެ ނިއުޔޯކް ޓައިމްސް އިން ބުނެފިއެވެ.

ސިފައިންގެ އިންޓެލިޖެންސް ޔުނިޓެއްގައި މަސައްކަތް ކުރަމުން އައި 21 އަހަރުގެ ޓެޝާ މިހާރު ހުރީ ހައްޔަރު ކޮށްފައެވެ.

ޖެކް އެމެރިކާގެ އަސްކަރީ ސިއްރުތައް އޭނާގެ ގާތް ރަހުމަތްތެރިން ހިމެނޭ ޑިސްކޯޑްގެ ގްރޫޕްގައި ލީކް ކުރަން ފެށީ މާޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް އެފްބީއައި އިން ކޯޓުގައި ވަނީ ބުނެފައެވެ. ނަމަވެސް ނިއުޔޯކް ޓައިމްސް އިން ބުނާ ގޮތުގައި ޖެކް އެމެރިކާގެ އަސްކަރީ ސިއްރުތައް އޭގެ މާކުރިން ފެށިގެން ވެސް ރަހުމަތްތެރިން ހިމެނޭ ގްރޫޕްގައި އައީ ލީކް ކުރަމުންނެވެ.

ޖެކް ސިއްރުތައް ލީކް ކުރަމުން ދިޔަ ޑިސްކޯޑްގެ ގްރޫޕްގައި 50 ވަރަކަށް މީހުން ތިބި ކަމަށް ކުރިން އެމެރިކާގެ މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް މިއަދު ނިއުޔޯކް ޓައިމްސް އިން ބުނީ އެމެރިކާގެ ސިއްރުތައް ޖެކް ޝެއާ ކުރަމުން ގެންދިޔަ ގްރޫޕްގައި 600 މީހުން ތިބި ކަމަށެވެ.

އެ ގްރޫޕްގައި ޝެއާ ކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި ރަޝިއާ އިން ޔޫކްރޭނަށް ދެމުން ގެންދާ ހަމަލާތަކުގައި މަރުވަމުންދާ މީހުންގެ އަދަދު ފަދަ ރަސްމީ އެއްވެސް ފަރާތަކުން ހާމަނުކުރާ، އެމެރިކާގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުތައް ހިމެނެއެވެ.

ޖެކް ލީކް ކޮށްލި މައުލޫމާތުތަކަކީ 2010 ވަނަ އަހަރު ވިކިލީކްސް އިން އެމެރިކާގެ ހައްލައްކަ އަށްވުރެ ގިނަ ޑިޕްލޮމެޓިކް ލިޔުންތައް ލީކް ކޮށްލި ފަހުން އެމެރިކާ އަށް ކުރިމަތިވި އެންމެ ބޮޑު މިފަދަ ބްރީޗެވެ.

ޖެކްގެ ލިޔުންތައް ލީކް ކުރަމުން ގެންދިޔަ ކަން އެމެރިކާގެ އެއްވެސް އިދާރާއަކަށް ނޭނގެއެވެ. މައުލޫމާތުތައް ލީކް ކުރަމުންދާކަން އެނގުނީ ނިއުޔޯކް ޓައިމްސް އިން އެކަން ރިޕޯޓް ކުރުމުންނެވެ.

އުމުރުން އެންމެ 21 އަހަރުގެ ޖޫނިއާ ސިފައިންގެ މީހެއްގެ އަތައް އެމެރިކާގެ އެންމެ ބޮޑެތި ސިއްރުތައް އަރާ ގޮތައް ކަންކަން ރާވާފައި އޮތުމުން އެމެރިކާގެ އަސްކަރިއްޔާއަށާއި ދިފާއީ ވުޒާރާ ޕެންޓަގަން އަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް ޕެންޓަގަން އިން ބުނާ ގޮތުގައި ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ނުހިނގާނެ ގޮތައް މިހާރު ވަނީ ކަންކަން އިންތިޒާމް ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު