ނިއުޒިލޭންޑް ކައިރީގައި އޮންނަ ކަރްމަޑެކް އައިލެންޑްސް ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ ނިއުޒިލޭންޑް ކައިރީގައި އޮންނަ ކަރްމަޑެކް އައިލެންޑްސް ސަރަހައްދަށް 7.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

މި ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު އަޑިންނެވެ. އޭގެ 20 މިނިޓް ފަހުން 5.4 މެގްނެޓިއުޑްގެ އާފްޓަރ ޝޮކެއް އައިސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ނިއުޒިލޭންޑްގެ ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ނެމާ)އިން ކުރި ޓުވީޓެއްގައި ވިދާޅުވީ ބިންހެލުމާއި ގުޅިގެން ސުނާމީގެ ނުރައްކާ އޮތް ކަމުގެ ރިޕޯޓްތަކާއި ގުޅިގެން، އެކަން ބަލަމުން އަންނަ ކަމަށެވެ.

ނެމާއިން ކުރި އެސެސްމަންޓަކަށް ފަހު ބުނީ ސުނާމީގެ ނުރައްކަލެއް ނެތް ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ކެރްމަޑެކް އައިލެންޑްސް އަށް އައި ބިންހެލުމާ ގުޅިގެން ނިއުޒީލެންޑަށް ސުނާމީގެ ނުރައްކަލެއް ނެތް. މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ބިންހެލުމާއި ގުޅިގެން ނިއުޒިލޭންޑަށް ނުރައްކަލެއް ކުރިމަތިވާނެ ފަދަ ސުނާމީއެއް އަތުވެދާނެ ކަމަށް ނުބެލެވޭ،". ނެމާގެ ފަހުގެ މައުލޫމާތުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު