އިންޑިއާގެ ބީޗަކަށް އަޅާފައިވާ މިލިއަނެއްހާ ގިނަ ބިސްތައް ފީވެ ކުދި ވެލާތައް ކަނޑަށް ނުކުމެފައިވާ ކަމަށް އެ ސަރަހައްދު ބަލަހައްޓާ ފަރާތްތަކުން ހާމަކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ މާޗް މަހުގެ 9 އިން 13 އަށް އިންޑިއާގެ ގަހިރުމަތާ މެރިން ސެންޗުއަރީއަށް 512،175 ވާވޮށި ވެލާ އަރާ ބިސް އަޅާފައިވެއެވެ. އާއްމުގޮތެއްގައި ކޮންމެ ވެލައެއްވެސް 80 އާއި 100 އާއި ދެމެދުގެ އަދަދަކަށް ބިސްއަޅައެވެ. ބިސްވަޅުތަކުން ބިސްތައް ފީވެގެން ކުދި ވެލާތައް ނިކުންނަން ފަށާފައި މިވަނީ ބިސް އެޅިތާ ގާތްގަނޑަކަށް 45 އާއި 50 އާއި ދެމެދުގެ މުއްދަތަކަށް ފަހުއެވެ.

ބިސްވަޅުތަކުން ވެލާތައް ނިކުންނަން ފެށުމާއެކު އެސަރަހައްދުގެ ސެކިއުރިޓީ ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. ކުއްތާ އާއި އެހެންވެސް ދޫނިފަދަ ތަކެތިން ކުދި ވެލާތައް ސަލާމަތްކުރުމަށް ފޮރެސްޓު ގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މެރިން ސެންކްޗުއަރީގެ ރޭންޖް އޮފިސަރެއްކަމުގައިވާ ބެހެރާ ބުނީ އެއް ހާސް ކުދި ވެލާތަކުގެ ތެރެއިން ބޮޑުވެ ފުރާ ފުރިހަމަވަނީ އެންމެ ވެލައެއް ކަމަށެވެ. އަދި އޭގެ އުމުރުން 20 އަހަރު ފުރުމުން ބިސް އަޅަން ހަމަ އެ ބީޗަށް އަންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ގަހިރުމަތާ އަކީ މެރިން ސެންކްޗުއަރީއެއް ކަމަށް ކަނޑައަޅާފައިވަނީ 1997ވަނަ އަހަރުއެވެ. އެތަން ހިމާޔަތްކުރުމުގެ މައިގަނޑު ބޭނުމަކީވެސް އެ ސަރަހައްދައް ގިނަ އަދަދެއްގެ ވެލާ ބިސް އަޅަން އަރާތީއެވެ.