އިންޑިޔާގެ އިރު އުތުރު ސްޓޭޓެއްގައި ހިންގަމުންދާ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 54 އަށް އަރައިފިއެވެ.

މިދިޔަ ބުދަ ދުވަހު ހިންގަން ފެށި މި ހަމަނުޖެހުން އަދިވެސް ހުއްޓާނުލައެވެ. އިންޑިޔާ އާއި މިޔަންމާ ގުޅޭ ބޯޑަރު ކައިރީގައި އޮންނަ މަނީޕޫރް ސްޓޭޓުގައި ގަބީލާއަކުން ބޭއްވި އެއްވުމެއް ހަމަނުޖެހުމަށް ބަދަލުވުމުން، އެ ތަނަށް ސިފައިން ފޮނުވީ މިދިޔަ ބުދަ ދުވަހެވެ.

އެގޮތުން އެތަނުގައި ހަމަނުޖެހުން ހިންގައި އަމުރަށް ނުކިޔަމަންތެރިވާ ނަމަ ވަގުތުން ބަޑި ޖެހުމުގެ އަމުރު ވަނީ ނެރެފައެވެ. އިންޑިއާގެ ޑިފެންސް މިނިސްޓްރީ އާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ހަމަނުޖެހުން ބޮޑުވި ހިސާބުތަކުން 7،500 މީހުން ރައްކާތެރި ތަންތަނަށް ވަނީ ބަދަލުކޮށްފައެވެ.

މި ހަމަނުޖެން ހިންގަން މެދުވެރުވީ އިންޑިއާ ސަރުކާރުގައި އޮންނަ ރަސްމީ ގަބީލާތަކުގެ ކެޓެގަރީގައި "މެއިޓެއި" ދަރިކޮޅުގެ މީހުން ހިމަނަން އެދުމުން، އެހެން ގަބީލާތަކުން އެކަމާ ދެކޮޅު ހެދުމުންނެވެ.

މިމައްސަލަ ހޫނުވެ އެ ސްޓޭޓުގައި ވަނީ ކާފިއުވެސް އިއުލާންކޮށްފައެވެ.

އިންޑިއާގެ ގާނޫނުގެ ދަށުން ކޮލެޖުގައި ކިޔެވުމުގެ ފުރުސަތާއި ސަރުކާރު ވަޒީފާގެ ފުރުސަތު ދިނުމުގައި ގަބީލާތަކުގެ މީހުންނަށް އިސްކަންދޭނެއެވެ.

އިންޑިޔާގެ ފުލުހުން ބުނީ ހުކުރު ދުވަހުގެ ދަންވަރު ދެ ވަނަ ފަހަރަށް ހަމަނުޖެހުން ބޮޑުވުމުން އަލުން ކޮންޓްރޯލް ގެއްލިފައިވާ ކަމަށެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ނޫހުން ބުނީ މަނީޕޫރް ސްޓޭޓްގެ ވެރިރަށް އިމްފާލް އާއި ޗުރާޗަންދްޕޫރްގެ މޯގުތަކަށް 54 މީހުންގެ ހަށިގަނޑު ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް ރަސްމީކޮށް މަރުވި މީހުންގެ އަދަދު ހާމަކޮށްފައި ނުވެއެވެ.

މަނީޕޫރްއާ ޖެހިގެން އޮންނަ ނަގާލޭންޑް ސްޓޭޓުގައި މަރުކަޒުވެގެން ތިބޭ އިންޑިއާ ސިފައިން ބުނީ ހަމަނުޖެހުމުގެ ސަބަބުން 13،000 މީހުން ރައްކާތެރިކަން ހޯދަން އެ ތަނަށް ދިޔަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު