އިސްރާއީލުން މިއަދު ޣައްޒާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަަކެއް ދިނުމުން ޣައްޒާ އިން އިސްރާއީލަށް ފޮނުވަމުންދާ ރޮކެޓް ހަމަލާތަކުގެ ތެރެއިން ހަމަލާއެއް އިސްރާއީލްގެ ވެރިރަށް ތެލްއަވީވްގައި އޮންނަ ބެން ގުއިރޮން އެއާޕޯޓަށް އަމާޒުވެއްޖެއެވެ.

އިސްރާއީލްގެ ވެރިރަށް ތެލްއަވީވް އަކީ ޣައްޒާ އާއި އެންމެ ދުރު އިސްރާއީލްގެ ސިޓީތަކުގެ ތެރެއިން ސިޓީއެކެވެ. ތެލްއަވީވްއަށް ރޮކެޓް ހަމަލާއެއް އަމާޒުވެއްޖެނަމަ އިސްރާއީލުން އަބަދުވެސް ބަލަނީ އެއީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައެވެ.

އެއާޕޯޓަށް އަމާޒުވި ރޮކެޓް ހަމަލާ އާއި ގުޅިގެން ކުޑައިރުކޮޅަކަށް އެއާޕޯޓް ބަންދުކުރި ނަމަވެސް މިހާރު ވަނީ އަލުން ދަތުރުތައް ފަށާފައެވެ.

ތެލްއަވީވްގެ އިތުރުން އެސަރަހައްދުގެ އެހެން ސިޓީތައް ކަމަށްވާ ރަމަތު ގަން އަދި ގިވަތަރިމް އަށް ވެސް ރޮކެޓް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ އިންޒާރުގެ ސައިރަން މިހާރު އަޅަމުން އެބަދެއެވެ.

އިއްޔެ އިން ފެށިގެން އިސްރާއީލުން ދަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. އިސްރާއީލްގެ އަމާޒަކަށް ހަދާފައި ވަނީ އިސްލާމިކް ޖިހާދުގެ މަރުކަޒުތައް ކަމަށް އިސްރާއީލުން ބުނެއެވެ. އިސްރާއީލަށް ރައްދު ހަމަލާތައް ދެމުން ގެންދަނީ ވެސް އިސްލާމިކް ޖިހާދުގެ މުޖާހިދުންނެވެ.

އިއްޔެ އާއި މިއަދު އިސްރާއީލަށް ހަމަލާތައް ދިނުމުގައި ޣައްޒާގެ ވެރިކަން ކުރާ ހަމާސް އިން ބައިވެރި ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.