އިސްރާއީލުން ފަލަސްތީންގެ ޣައްޒާގެ ހޮސްޕިޓަލަކަށް ހަމަލާ ދީފިއެވެ.

އިސްރާއީލުން ފަލަސްތީނަށް ހަމަލާ ދެމުންގެންދާތާ މިހާރު މިއަދު މިއީ ހަތަރު ވަނަ ދުވަހެވެ.

އަދި މިއަދު ދިން ވައިގެ ހަމަލާއެއްގައި ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހް ސަރަހައްދުގެ ހޮސްޕިޓަލަކަށް ވަނީ ގެއްލުންތައް ލިބިފައެވެ.

އެ ހޮސްޕިޓަލުގެ ޑިރެކްޓަރު އިޔާދު އަބޫ ޒަހެރުއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިސްރާއީލްގެ ވައިގެ ހަމަލާގައި ޝުހާދާ އަލް އަޤްޞާ ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހޮސްޕިޓަލްގެ ބިއްލޫރިތައް ތަޅައިގެން، ގިނަ އަދަދެއްގެ ނަރުހުންނާއި ބަލި މީހުން ވަނީ ޒަހަމް ވެފައެވެ.

މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ ގެތަކާއި އިމާރާތްތައް ވެސް ވަނީ ފުނޑުފުނޑުވެފައެވެ.

މިދިޔަ އަންގާރަ ދުވަހު ފެށި އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ އެންމެ ފަހުގެ ބުރުގައި 50 އަށް ވުރެ ގިނަ އެޕާޓްމަންޓް ހިމެނޭހެން، މީހުން ދިރިއުޅޭ 15 ބްލޮކް ހަލާކުވެފައިވާ ކަމަށް ޣައްޒާގެ ދާޚިލީ ވުޒާރާއިން ބުނެފި.

މީގެ އިތުރުން 940 އިމާރާތަކަށް ގެއްލުންވެފައިވާއިރު، 49 އިމާރާތެއް މަރާމާތު ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައި.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޮއްކޮ

    ޔަހޫދީނާ ދެކޮޅަށް މުސްލިމު އުންމަތް އެކީ ތެދުވަންވެއްޖެ