އިސްރާއީލުން ފަލަސްތީންގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޣައްޒާއިން އިސްރާއީލަށް ފޮނުވަމުންދާ ވައިގެ ހަމަލާތަކުގައި އިސްރާއީލްގައި މަސައްކަތް ކުރަމުންދާ ފަލަސްތީން މީހަކު ޝަހީދުވެއްޖެއެވެ.

އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިސްލާމިކް ޖިހާދުގެ ރޮކެޓް ހަމަލާއެއްގައި ޒަހަމްވެގެން ޝަހީދުވެފައި ވަނީ އިސްރާއީލުގައި މަސައްކަތް ކުރަމުން ދިޔަ ފަލަސްތީނަށް ނިސްބަތްވާ އަބްދުﷲ އަބޫ ޖަބާ އެވެ.

އެއީ ހަ ކުދިންގެ ބައްޕައެއް ކަމަށްވެސް ބުނެފައިވާއިރު، މި ހަމަލާ އަމާޒުވެފައި ވަނީ، އޭނާގެ ކޮއްކޮއާ އެކު އުޅެމުން ދަނިކޮށް ކަމަށް ބުނެފައި ވެއެވެ.

އަދި އެ މިހާއަށް ހަމަލާގައި ސީރިއަސް ޒަހަމްތަކެއް ލިބިފައިވާކަމަށް ބުނެފައިވާއިރު، އޭނާއަށް ބީރްޝެބާގެ ސޮރޯކާ މެޑިކަލް ސެންޓަރުގައި ފަރުވާދެމުންދާ ކަަމަށްވެސް ބުނެފައި ވެއެވެ.

އަދި އެ މީހުންނާއެކު އުޅެމުންދިޔަ އިސްރާއީލް މީހަކަށްވެސް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ޢައްޒާއިން އިސްރާއީލަށް ދިން ހަމަލާގައި މިދިޔަ ބުރާސްފަތި ދުވަހު އިސްރާއީލް އަންހެނަކު ވަނީ މަރުވެސް ވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 34 މީހަކު ވަނީ ޝަހީދުވެފައެވެ.

އަދި މި އަހަރު ފެށުނު ފަހުން އިސްރާއީލުން ފަލަސްތީނުގެ 155 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީންގެ މީީޑިއާތަކުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު