އިންޑިއާގެ ނާކޮޓިކް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހިންގި އޮޕަރޭޝަނެއްގައި އިންޑިއާގެ ކެެރެލާ ކައިރިން ކަނޑުމަތިން 2.5 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މިއީ އިންޑިއާގެ ތާރީޚްގައި ވެސް އެއް އޮޕަރޭޝަނެއްގައި މިހައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފުރަތަމަ ފަހަރެވެ.

އިންޑިއާގެ އެންޓި ޑްރަގް އެޖެންސީން ބުނާ ގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 1.5 ބިލިއަން ޑޮލަރަށް އަރާނެއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް 23 ބިލިއަން ރުފިޔާއެވެ.

އިންޑިއާ ފުލުހުން ބުނާ ގޮތުގައި އަތުލައިގަތް މަސްތުވާތަކެއްޗަކީ އިންޑިއާގެ އިތުރުން ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ޑިސްޓިބިއުޓް ކުރަން ވެގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށް ބެލެވެއެވެ.

އިންޑިއާ ފުލުހުން ބުނާ ގޮތުގައި މަސްތުވާތަކެތި އަތުލައިގަތީ ކުޑަ ލޯންޗަކަށް އެތަކެތި ބަރުކޮށްގެން ކެރެލާ އަށް ދަތުރު ކުރަމުން ދަނިކޮށެވެ. ބެލެވޭ ގޮތުގައި ކުޑަ ލޯންޗެއްގައި މަސްތުވާތަކެތި ގެންދިޔައީ މަސްތުވާތަކެތި އުފުލި ބޮޑު ބޯޓުން އެތަކެތި ބާލައިގެން ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެއެވެ. ނަމަވެސް އެކަން އަދި ކަށަވަރެއް ނުވެއެވެ. މިމައްސަލައިގައި ވަނީ ޕާކިސްތާން މީހަކު ހައްޔަރު ކޮށްފައެވެ.

އިންޑިއާގެ އެންސީބީ އިން ބުނާ ގޮތުގައި މިއޮޕަރޭޝަނަކީ އިންޑިއާގެ ކަނޑުގެ ސިފައިންނާއި ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އިންޑިއާގެ އިދާރާތަކަށް ލިބުނު އެލާޓަކާއި ގުޅިގެންނެވެ.

އިންޑިއާ ފުލުހުން ބުނާ ގޮތުގައި އިންޑިއާގެ އައްސޭރިފަށުގެ ސްޓޭޓްތަކަށް މަސްތުވާތަކެތި އެތެރެ ކުރަން މިހާރު ބޭނުން ކުރާ އެއް އުކުޅަކީ ބޮޑެތި ބޯޓުތަކުގައި މަސްތުވާތަކެތި ހިފައިގެން އައިސް އިންޑިއާ ކައިރިން ކުދިކުދި ލޯންޗްފަހަރަށް ނުވަތަ ކުދިކުދި ބޯޓު ފަހަރަށް މަސްތުވާތަކެތި ބަރުކޮށްގެން އެފަދަ އުޅަނދުތަކުގައި އިންޑިއާ އަށް އެތަކެތި ގެންދިއުމެވެ. އަދި އެއަށްފަހު ރާއްޖެ އާއި ލަންކާ އާއި އިންޑިއާގެ އެހެން ސްޓޭޓްތަކަށް މަސްތުވާތަކެތި ފޮނުވައެވެ.

އަތުލައިގަތް ރެކޯޑް އަދަދެއްގެ މަސްތުވާތަކެއްޗަކީ ކޮން ގައުމަކުން އެތެރެކުރި އެއްޗެއް ކަމެއް އަދި ނޭނގެއެވެ. ނަމަވެސް އިންޑިއާ ފުލުހުން ތުހުމަތު ކުރަނީ އެއީ ޕާކިސްތާން، އަފްޣާނިސްތާން ނުވަތަ އީރާނުން އެތެރެކުރި ތަކެތި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަހަރޯ

    ތިޔަ ތަކެތި ކޮންމެސް މިރާއްޖޭގެ ސަރުކާރާއި ހަވާލު ނުކުރާތި.. ނޫނީ ޖެހިގެން އަންނަދުވަހު މާލޭ ބާޒާރުގަ ތިތަކެތި ކިލޯކިރާގެން ވިއްކައި އެއިންބަޔަކު ފައިސާ އެއްކުރަން ފަށާފާނެ. ދެން ފުލުހުންގެ ބެލުމުގެ ދަށުގަ އޮއްވާ ކުއްލިއަކަށް ގެއްލިދާނެ. އެކަމަކުވެސް އެކަންވާނީ ދިވެހިންނަށް ލިބުނު ކާމިޔާބީއަކަށް.

    14
  2. ލަކީ

    ހެހެ މި ރާއްޖެ އައްވެސް މިހާރު ބޭނުންކުރަނީ ހަމަ ތި ތިގޮތަށް

  3. ކޮރަލް

    ލަކުޑި ބޯޓް ފަހަރު ބަލާ ޗެކް ކޮށް ބަލާށެވެ.

  4. ގެރި މޯދީ

    ބީޖޭޕީއަށް ކަރްނާޓަކާގެ އިންތިހާބު ގެއްލި 2024 ގެ މަޖިލިސް އިންތިހަބުގަ ނާކާމިޔާބު ވުމުގެ ކޮޅުމަތިފެނުމުން "ބޮޑު ޑްރަގް ޝިޕްމަންޓެއް" ހިފިއްޔޯލަ. ތިތާ އަސްލު ޑްރަގް ހުރިތޯ، އަދި އަސްލު ޑްރަގު ހުރިނަމަ ވަލުދޮރާށިން ނެރެ ހުދު މަތީ ބޭފުޅުން ނުވިއްކާނެތޯ ޔަގީންކަމެއް ނެތް.

    15
  5. އަލީ

    ކުޑަ ލޯންޗަކަށް އެރުވޭހާ ތަކެތި ތީ؟