ދެކުނު އެމެރިކާގެ ގަޔާނާގެ އަންހެން ކުދިންނަށް ހާއްސަ ސްކޫލެއްގެ ޑޯމިޓަރީއެއްގައި ރޯކޮށްލި ކަމުގެ ތުހުމަތު އެސްކޫލުގެ އަންހެން ދަރިވަރަކަށް ކޮށްފިއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ގަޔާނާގެ މެދުތެރޭގައި ހުންނަ މަހްދިއާ ސެކަންޑަރީ ސްކޫލުގައެވެ. މި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 20 އަށް އަރާފައިވާއިރު، އެތައް ބަޔަކު ޒަހަމްވެފައި ވެއެވެ.

އާދީއްތަ ދުވަހުގެ ރޭ ހިނގި މި އަލިފާނުގެ ހާދިސާއަކީ ފާއިތުވި އަހަރުތަކުގައި ދެކުނު އެމެރިކާގެ ގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.

މިހާދިސާގައި ނުވަ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ އިރު ގިނަ ބައެއްގެ ހާލު ސީރިއަސް ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖެރަލްޑް ގޫވިއާ އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވީ، އެތަނުގައި އަލިފާން ރޯކޮށްލާފައި ވަނީ އެ ސްކޫލްގެ ދަރިވަރަކު އުމުރުން ދުވަސްވީ ފިރިހެނަކާއި ލޯބީގެ ގުޅުމެއް އޮންނަކަން އެނގުމުން ފޯނު ހިފެހެއްޓުމުން، އެކަމާއި ހިތްހަމަނުޖެހިގެންނެވެ.

އޭނާ ވިދާޅުވިގޮތުގައި، އެ ދަރިވަރަކީ އުމުރުން 16 އަހަރުން ދަށުގެ ކުއްޖެކެވެ. އަދި އޭނާ އަލިފާން ރޯކޮށްލީ ޑޯމިޓަރީގެ ފާހަނައިގައި ކަމަށް ވިދާޅުވިއެވެ.

ގަޔާނާގެ ހެލްތް މިނިސްޓްރީގެ އެޑްވައިޒަރެއް ކަމަށްވާ ލެސްލީ ރަމްސަމީ ވިދާޅުވިގޮތުގައި އެ ކުއްޖާ އަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އޭނާ ޖުވެނައިލް ޑިޓެންޝަނަށް ފޮނުވާލާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ.

މި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ އަންހެން ކުދިންނެވެ.