ބްރެޒިލްގައި ގެއްލިގެން ހޯދަމުންދިޔަ ފިލްމީ ތަރި ފޮއްޓަކަށް ލައި ވަޅުލާފައި އޮއްވާ ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބްރެޒިލްގެ މަޝްހޫރު ފިލްމީ ތަރި ޖެފާސަން މަކާޑޯ ގެއްލިގެން ހޯދަން ފެށީ މިދިޔަ ޖެނުއަރީ މަހުގައެވެ. ނަމަވެސް ރަސްމީކޮށް އޭނާ ގެއްލުނުކަން އިއުލާންކޮށްފައިވަނީ ފެބްރުއަރީ މަހުގައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ބަނދެފައި ފޮއްޓަކަށް އަޅާފައި ވަޅުލާފައި އޮއްވައެވެ.

ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މަކާޑޯ ފެނިފައިވަނީ ބްރެޒިލްގެ ރިއޯ ދި ޖެނައިރޯ ކައިރި އަވަށެއް ކަމަށްވާ ކެމްޕޯ ގްރެންދި ގެ ގެއެއްގެ ތެރޭ ތަޅުންގަނޑު ދަށުގައި ވަޅުލާފައި ވަނިކޮށެވެ. އެ ގެޔަކީ ބްރެޒިލްގެ އަންހެނަކު މީހަކަށް ރެންޓަށް ދީފައިވާ އައުޓް ހައުސްއެކެވެ. އެ ގެ ރެންޓަށް ނެގި މީހާގެ މައްޗަށް ފުލުހުން މީގެ ކުރިންވެސް މިމައްސަލައިގައި ޝައްކު ކުރިއެވެ.

ބިމުއަޑީގައި ވަޅުލާފައިވާ ކުޑަ ވަކަރު ފޮއްޓެއްގެ ތެރެއިން ފެނިފައިވަނީ އުމުރުން 44 އަހަރުގެ މަކާޑޯގެ ހަށިގަނޑުކަން ދެނެގަނެވުނީ އޭނަގެ އިނގިލީގެ ނިޝާނުންނެވެ. ހަށިގަނޑުގެ ދިގުމިން ނުލިބޭ ކުޑަ ފޮއްޓެއްގެ ތެރެއަށް އޭނާ އަޅާފައި އޮތީ އަތާއި ފައި ބަދެފަ އަނގަވެސް ބަންދުކޮށްފައެވެ. ބެލެވޭ ގޮތުގައި އޭނާ ވަޅުލީ ދިރިއޮއްވާއެވެ.

މަކާޑޯ ގެއްލުނުއިރު ދިރިއުޅެމުން އައީ ރިއޯ ދި ޖެނެއިރޯގައެވެ. އޭނަގެ ހަށިގަނޑު ފެނުނު ގެ ކުއްޔަށް ހިފި މީހާއަކީ އޭނަ ދަންނަ މީހެއް ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ. އޭނަގެ ވަކީލުން ބުނާގޮތުގައި މަކާޑޯ އަޅާފައިވާ ވަކަރު ފޮށްޓަކީ އޭނަގެ އެއްޗެކެވެ. އޭނާ ގެއްލުމުގެ ކުރިން އެ ފޮށި ވަނީ އޭނަގެ ގެއިން ބޭރަށް ނެރެފައެވެ.

މަކާޑޯ އެންމެ ފަހުން ފެނިފައިވަނީ 2022 ވަނަ އަހަރު ޓީވީން ދެއްކި ޕްރޮގްރާމަކުންނެވެ. މިއަހަރު ޖެނުއަރީ 27 ވަނަ ދުވަހު މަކާޑޯ ގެއްލިފައިވާއިރު އޭނަގެ އަންހެނުން ވަނީ ފެބްރުއަރީ 29 ވަނަ ދުވަހު ގެއްލިފައެވެ.

މަކާޑޯ އާއި އޭނަގެ އަންހެނުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން ޝައްކު ކުރެވޭ މީހާ ދިރިއުޅޭ އައުޓް ހައުސް ބަލާ ފާސްކުރުމުން ޝައްކުވެގެން ބިންމަތި ކޮނެ ބެލި ބެލުމުން މަކާޑޯގެ ހަށިގަނޑު ފެނުުނު ނަމަވެސް އޭނަގެ އަންހެނުން އަދި ނުފެނެއެވެ. މަކާޑޯގެ މައްސަލައިގައި ޝައްކު ކުރެވޭ މީހާ ވަނީ ފިލާފައެވެ. އޭނާ ހޯދުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕިސްޕިސް

    މީހަކު ފޮއްޓަކަށް އަޅާނެ ގޮތެއް ބުނެދީބަލަ

    14
    4
  2. Anonymous

    ހޮރިފިކް! ހާދަ ހިތްދަތި މަރެއް! ދިރިހުއްޓާ ކުޑަ ފޮށިގަނޑަކަށް ލާ ވަޅުޅީ

    17
    1