ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ މި ބިންހެލުން އައިސްފައި ވަނީ ޖަޕާނުގެ ޓޯކިޔޯގެ 107 ކިލޯމީޓަރު ކައިރިއަށް ކަމަށެވެ.

މި ބިންހެލުން އައިސްފައި ވަނީ 6.1 މެގްނެޓިއުޑް ބާރުމިނުގައެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ޓޯކިޔޯ ކައިރީގެ އައްސޭރިފަށަށް 6.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށާއި ނަމަވެސް ސުނާމީއެއް އަތުވެދާނެ ކަމުގެ ބިރެއް ނެތް ކަމަށެވެ.

ޖަޕާނުގެ ޗިބާ ސަރަހައްދުގެ ޕެސިފިކް ކަނޑުގެ ސަރަހައްދަށް އައި މި ބިންހެލުމަކީ ބޮޑެތި އިމާރާތްތަކަށް ލޮޅުން އަރާ، ރޭލު ދަތުރުތައް މެދުކަނޑާލާނެ ވަރުގެ ބާރުގަދަ ބިންހެލުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބިންހެލުން އައިވަގުތު ޓޯކިޔޯގެ އިތުރުން ވަށައިގެންވާ ސަރަހައްދުތަކުގައި ވެސް އިމާރާތްތައް ތެޅެމުންދިޔަ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.

މި ބިންހެލުމުގައި މާބޮޑު ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.