ރަޝިއާގެ ވެރިރަށް މޮސްކޯއަށް ޑްރޯންތަކަކުން ވަރުގަދަ ހަމަލާއެއް ދީފިއެވެ. މިއީ ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ހަނގުރާމަ ފެށިފަހުން މިހާތަނަށް މޮސްކޯއަށް އަމާޒުވި އެންމެ ވަރުގަދަ އެއްހަމަލާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރަޝިއާގެ ވެރިރަށަށް ޑްރޯން ހަމަލާތައް އަމާޒުވީ އަންގާރަ ދުވަހު ހެނދުނު އެވެ. ޑްރޯން ހަމަލާތަކުގެ ސަބަބުން ވަރަށް ގިނަ އިމާރާތްތަކަށް ގެއްލުން ލިބިފައިވާ ކަމަށް މޮސްކޯގެ މޭޔަރު ސާޖޭ ސޮބްޔަނިން ވިދާޅުވިއެވެ. ނަމަވެސް ގެއްލުން ލިބުނީ ކިތައް އިމާރާތައް ކަމެއް އޭނާ ހާމައެއް ނުކުރެއެވެ.

މޭޔަރު ވިދާޅުވީ ހަމަލާ އަމާޒުވި އިމާރާތްތަކުގެ ތެރެއިން ދެއިމާރާތަކުން މިހާރު މީހުން ހުސްކޮށްފައިވާ ކަމަށެވެ. އެދެއިމާރަތަކީ އެޕާޓްމަންޓް ބިލްޑިންތަކެކެވެ. ރަޝިއާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ޑްރޯންތަކުން ހަމަލާ ދިނީ ޑްރޯންތަކުގައި ގޮވާތަކެތި ހަރުކޮށްގެން އައިސް އިމާރާތުގައި ޖައްސައިގެންނެވެ.

ހަމަލާތަކުގައި މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް އަނިޔާވި ދެމީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ރަޝިއާގެ މީޑިއާތަކުން ބުނެއެވެ.

މޮސްކޯ ރީޖަންގެ ގަވަރނަރު އަންދްރޭ ވޮރޮބިޔޯވް ވިދާޅުވީ މޮސްކޯއަށް ވަންނަން އުޅުނު ވަރަށް ގިނަ ޑްރޯންތައް އެއާ ޑިފެންސް ސިސްޓަމުން ވައްޓާލާފައިވާ ކަމަށެވެ.

މޮސްކޯއަށް ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. މިހަމަލާ އާއި ގުޅޭ ގޮތުން ޔޫކްރޭނުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

މިމަހުގެ ކުރީކޮޅު ރަޝިއާގެ ރިޔާސީ ގަނޑުވަރަށް ވެސް ޑްރޯން ހަމަލާއެއް ދޭން މަސައްކަތް ކުރިއެވެ. ރިޔާސީ ގަނޑުވަރުގެ ސެކިއުރިޓީންނަށް އެ ޑްރޯންތައް ވައްޓާލެވުނީ ރިޔާސީ ގަނޑުވަރާއި ވަރަށް ކައިރިވި ފަހުންނެވެ. އޭރު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ގަނޑުވަރުގައި ނެތެވެ.

ރަޝިއާ އާއި ދެކޮޅަށް ޔޫކްރޭނުން ކުރަމުންދާ ހަނގުރާމައަށް ހުޅަނގުންދޭ އެހީތައް އިތުރު ކުރުމުން ޔޫކްރޭންގެ ރައްދު ހަމަލާތައް މިހާރު ކުރިއަށްވުރެ ވަރުގަދަ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކަލޭމެން ޕުޓިން ރުޅިނާރުވާ ، ޒެލެންސްކީ ކަރުހިއްކުން ފިލާވަޅުގެ ވަރުގަދަ ހަމަލާއެއް ދީފާނެ