ސައުދީ އަރަބިއްޔާ އަށް ސިޔާސީ އިސްލާހުތައް ގެނެސް، އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އިތުރު ފިޔަވަޅުތައް އަޅަން ގޮވާލި އެގައުމުގެ އަންހެނަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސްނެޕްޗެޓާއި ޓްވިޓާގައި ސައުދީ އަރަބިއްޔާއަށް އިސްލާހީ ބަދަލުތައް ގެންނަން ގޮވާލުމުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 29 އަހަރުގެ އަންހެނެއް ކަމަށްވާ މަންހާލް އަލް-އޮތައިބީ އެވެ. މަންހާލް އަކީ ސެޓިފައިޑް ފިޓްނެސް އިންސްޓެކްޓަރެކެވެ. އޭގެ އިތުރުން އޭނާ އަކީ އާޓިސްޓެކެވެ.

ސައުދީ އަރަބިއްޔާގެ އަންހެނުން ބާރުވެރިކުރުވަން މީސް މީޑިއާގައި އަޑުއުފުލަމުން ގެންދާތީ ވެސް އޭނާ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ހައްޔަރު ކުރިއެވެ. ނަމަވެސް އެފަހަރު ވަނީ ދުވަސްކޮޅަކަށް ފަހު ބަންދުން ދޫކޮށްލާފައެވެ.

މިފަހަރު މަންހާލް ހައްޔަރު ކުރިއިރު އޭނާ ވަނީ "މުޖުތަމައު އޮތީ" ތައްޔާރަށް ކަމަށް ބުނާ ހޭޝްޓެގެއް ބޭނުންކޮށް، ވަރަށް ގިނަ ބަދަލުތައް ސައުދީ އަރަބިއްޔާ އަށް ގެންނަން ގޮވާލާފައެވެ.

މަންހާލްގެ ބައެއް ޓްވީޓްތަކުގައި ވަނީ އަނިޔާވެރި ފިރިންގެ ކައިރިން ވަރިވާން ސައުދީ އަރަބިއްޔާގެ އަންހެނުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ވެސް ގޮވާލާފައެވެ.

މަންހާލް ހައްޔަރު ކުރުމާއި ގުޅިގެން ބައިނަލްއަޤުވާމީ އެކި ފަރާތްތަކުންނާއި އަދި އެހެން ގައުމުތަކުގައި ދިރިއުޅޭ ސައުދީ އަރަބިއްޔާގެ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސައުދީ އަރަބިއްޔާ އަށް ސިޔާސީ އިސްލާހުތައް ގެނެސް، އިންސާނީ ހައްގުތައް ކަށަވަރު ކުރަން ގޮވާލައި މީސް މީޑިއާގައި ވާހަކަ ދައްކާ މީހުން މީގެ ކުރިން ވެސް ހައްޔަރު ކޮށްފައި ވެއެވެ.

ސައުދީ އަރަބިއްޔާގެ އަންހެނެއް ކަމަށްވާ ސަލްމާ އަލް-ޝެހަބް ވެސް ވަނީ އެފަދަ ގޮވާލުންތަކާއި ގުޅިގެން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށް ލާފައެވެ. ސަލްމާ އަކީ ޖަލަށްލުމުގެ ކުރިން ލީޑްސް ޔުނިވަސިޓީގައި ޕީއެޗްޑީއަށް ކިޔަވަމުން އައި ދަރިވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅިޔަނުބެ

    ތީ ހުޅަނގުގެ ޕަޕެޓު ކުދިން. ކުޑަ ލާރިކޮޅެއް ދީގެން ނެރެގެން އެއުޅެނީ

    19
    6
  2. ޖުހާ.

    ތިއަ ސާހީ އާއިލާގެ އަނިޔާވެރިކަންވެސް ނިމޭނެ.

    9
    8
    • ޔާސިރު

      އަނިޔާ އަނިޔާ، ކޮން އަނިޔާ އެއް ތަ ކުރީ....

      8
      5
  3. ތީ ހަމަ ގައުމުތައް ފަނާކުރުމުގެ ޔަހޫދީ ޕްރޮޕަގެންޑާ…މިކަހަލަ ހަބަރުތައް ދިވެހިންގެ ތެރޭގައި މިގޮތަށް ފެތުރުމާ އަހަރެން ދެކޮޅު…އަދި މި މުޖުތަމައުވެސް ދެކޮޅު…މަދު ބަޔަކު ދިވެހިންގެ ތެރޭގައިވެސް އެބަ އުޅޭ އެބުނާ އިސްލާހުތައް ނުގެނެވިގެން އުޅޭ…އޭގެ ތެރޭގައި ތިބީ ކޮންމެވެސް ލާތޮބީއީ ކަމެއް ނުވަތަ ބޮޑުވެގެންވާ ކުށަކަށް އަރައިގަންނަ މީހުންނާއި ވެރިކަމާއި ހެދި މީހުންގެ ލޭ ބޯ މީހުން…

    18
    4