އިންޑިއާގެ އޮޑިޝާގައި ހިނގާދިޔަ ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 278 މީހަކު މަރުވެ، 1000 އަށްވުރެ ގިނަ މީހުން ޒަހަމްވިއިރު، އަދިވެސް 100 އަށްވުރެ ގިނަ ހަށިގަނޑު ދެނެނުގަނެވޭ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ދުއްވާފައި ދިޔަ ރޭލެއް ޕާކު ކޮށްފައި އޮތް ރޭލެއްގައި އަޅައިގަނެގެން ހިނގާ ދިޔަ މި އެކްސިޑެންޓަކީ ފަހުގެ ތާރީހެއްގައި އެގައުމުގައި ހިނގާދިޔަ ރޭލު އެކްސިޑެންޓްތަކުގެ ތެރެއިން ވެސް އެންމެ ނުރައްކާތެރި އެއް ރޭލު އެކްސިޑެންޓެވެ.

މި ރޭލު އެކްސިޑެންޓަށް ތިން ދުވަސް ވެފައިވާއިރު އޭއެންއައިއަށް މައުލޫމާތު ދެމުން އީސްޓަން ސެންޓްރަލް ރޭލްވޭސްގެ ޑިވިޝަނަލް ރޭލްވޭ މެނޭޖަރު ރިންކޭޝް ރޯއީ ވިދާޅުވީ އޮޑިޝާގެ އެކި ހޮސްޕިޓަލްތަކުގައި އަދިވެސް ގާތްގަނޑަކަށް 200 އެއްހާ މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

"1100 އެއްހާ މީހުންނަށް އަނިޔާވި މި އެކްސިޑެންޓްގައި އޭގެ ތެރެއިން 900 އެއްހާ މީހުންނަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފައި. 200 މީހަކަށް އެ ސްޓޭޓްގެ އެކި ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުން."

އޭނާ ވިދާޅުވިގޮތުގައި މި އެކްސިޑެންޓާއި ގުޅިގެން މަރުވި 278 މީހުންގެ ތެރެއިން 101 ހަށިގަނޑު ދެނެގަތުމުގެ މަސައްކަތްތައް އަދިވެސް ދަނީ ކުރެވެމުންނެވެ.

ބުބުނޭޝްވަރު މުނިސިޕަލް ކޯޕަރޭޝަންގެ ކޮމިޝަނަރު ވިޖޭ އަމްރިތު ކުލަންގޭ އޭއެންއައި އަށް ވިދާޅުވިގޮތުގައި، އެ ސިޓީގައި ބާއްވާފައިވާ ޖުމްލަ 193 ހަށިގަނޑުގެ ތެރެއިން 80 މީހެއްގެ ހަށިގަނޑު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށެވެ.

"އޭގެ ތެރެއިން 55 މީހެއްގެ ހަށިގަނޑު ވަނީ އާއިލާއާ ހަވާލުކޮށްފައި. ބީއެމްސީގެ ހެލްޕްލައިން ނަމްބަރު 1929 އަށް 200 އަށް ވުރެ ގިނަ ކޯލް އައިސްފައިވޭ. މަރުވި މީހުންގެ ހަށިތައް ދެނެގަނެ އާއިލާ މީހުންނާއި ހަވާލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން.".

މިކަން ހިނގާދިޔަ ގޮތް އަދިވެސް ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު