ގޭސް ލީކްވާ ހާދިސާތައް އެއް ދުވަހުން އަނެއް ދުވަހަށް ގިނަވުމާ ގުޅިގެން ޕާކިސްތާންގެ ސިޓީއެއް ކަމަށްވާ ރަވަލްޕިންޑީގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕާކިސްތާންގައި ރެސްކިއު 1122 އިން ބުނީ ގޮތުގައި ރަވަލްޕިންޑީގައި އެއް މަސް ތެރޭގައި ޖުމްލަ 16 ގޭސް ލީކް ހާދިސާތަކުގައި ހަތަރު ކުޑަކުދިންނާއި ދެ މީހުން މަރުވެފައިވާ ކަމަށެވެ.

މި ހާދިސާތައް ރަވަލްޕިންޑީގެ އެކި ހިސާބުތަކުގައި އިތުރުވަމުންދިޔަ ނަމަވެސް ކަމާ ގުޅުން ހުރި އިދާރާތަކުން މި މައްސަލަ ސީރިއަސްކޮށް ބަލައިނުގަންނަ ކަމުގައި ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

މީގެ ހަފްތާއެއް ކުރިން، ޝަމްސްއާބާދްގައި ދިމާވި މިފަދަ ހާދިސާއެއްގައި ގެއެއްގައި ދިރިއުޅޭ 4 ކުޑަކުދިން މަރުވިއެވެ. އަދި އެ ކުދިންގެ މަންމަގެ ހާލު ސީރިއަސްވެ ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނެވެ. މީގެ އެހެން ހާދިސާއެއްގައި ޓެންޗް ބައްޓާ ސަރަހައްދުގައި ހުރި ދެ ބުރިއަށް އިމާރާތްކޮށްފައިވާ ގެއެއްގައި ދިރިއުޅޭ އާއިލާއެއްގެ ތެރެއިން ހަތް މެންބަރުން ޒަހަމްވެގެންދިޔައިރު އެ އާއިލާއަށް ނިސްބަތްވާ ފުރާވަރު އުމުރުގެ ފިރިހެން ކުއްޖަކު މަރުވިއެވެ.

މިކަމާ ގުޅޭ ގޮތުން ސުއީ ނަދަން ގޭސް ޕައިޕްލައިންސް ލިމިޓެޑް (އެސްއެންޖީޕީއެލް)ގެ ސީނިއާ ޖެނެރަލް މެނޭޖާ ސައްޔިދް މުޚްތާރް ޝާހް ވިދާޅުވީ ޕާކިސްތާންގެ ހުރިހާ ސަރަހައްދުތަކުގައި ގޭސް ލީކްވުމުގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ ޓީމްތައް ހަރަކާތްތެރިކުރުވުމަށް އެ ކުންފުނިން ތައްޔާރީތައް ވަމުން ގެންދާ ކަމަށެވެ.

އަދި އޭނާ ވަނީ ގޭގައި ވަކިން ޚާއްސަކޮށް ރޭގަނޑު ގަޑީގައި ގޭސް ބަންދުކުރުމަށް އިލްތިމާސް ކުރައްވައިފައެވެ. މީގެ އިތުރުން ރަބާ ޕައިޕްތައް ބޭނުންނުކުރުމަށާއި ގޭސް ލީކޭޖްގެ މައްސަލައެއް އުޅޭ ކަމަށްވާނަމަ އެ ކުންފުންޏަށް ލަސްނުކޮށް އެންގުމަށް އެދިވަޑައިގެންނެވިއެވެ.

ނަމަވެސް ބައެއް ރައްޔިތުން ބުނަނީ އެސްއެންޖީޕީއެލްއަށް ރިޕޯޓްކުރިޔަސް، އެ ކުންފުނިން އަޅާނުލާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު