އިންޑިއާގެ މުމްބާއީގެ ޖުހޫ ކޮލިވާޑާ ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެއްލުނު ކުދިންގެ ހަށިގަނޑު ފެނިއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ހަވީރު އުމުރުން 12-16 އަހަރާއި ދެމެދުގެ ފަސް ފިރިހެން ކުއްޖަކު މުމްބާއީގެ ޖުހޫ ގޮނޑުދޮށަށް މޫދަށް ގޮސްގެން އުޅެނިކޮށް، ގެއްލުނެވެ. އޭގެ ތެރެއިން ދެ ކުއްޖަކު ސަލާމަތް ކޮށްފައި ވަނީ މަސްވެރިއެކެވެ. އެއް ކުއްޖަކު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރު ވެފައެވެ.

އަދި އެ ކުދިން ހޯދުމަށް ފަޔާ ބްރިގޭޑުން ވަނީ އިންޑިއަން ކޯސްޓްގާޑް (އައިސީޖީ) ގެ އެހީތެރިކަމާއެކު އޮޕަރޭޝަނެއް ފެށިއެވެ.

ފަޔަރ ބްރިގޭޑުން ވަނީ ހޯމަ ދުވަހުގެ ރޭ 11:00 އެހާކަންހާއިރު، އެ ހިސާބު އަނދިިރިވުމުގެ ސަބަބުންނާއި މޫސުން ގޯސްވުމުގެ ސަބަބުން އެ ކުދިން ހޯދުމުގެ މަސައްކަތް މެދުކަނޑާލާފައެވެ. އޭގެ ކުރިން އެރޭ 8:20 ހާއިރު ނޭވީ ހެލިކޮޕްޓަރުވެސް މަސައްކަތަށް ނެރުނެވެ.

އޭގެ ފަހުން ހެނދުނު އެ ކުދިން ހޯދުމުގެ އޮޕަރޭޝަން އަލުން ފެށިއެވެ. އެ އޮަޕަރޭޝަންގައި ގެއްލުނު ކުދިން ހޯދައި، ސިވިކް އިން ހިންގާ ކޫޕާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ޑޮކްޓަރުން ވަނީ އެ ކުދިން މަރުވެފައިވާ ކަމަށް ކަނޑައަޅައިފައެވެ.

އޭގެ ތެރެއިން ދެ ކުއްޖެއްގެ ހަށިގަނޑު ހެނދުނު ފެނުނުއިރު، ތިން ވަނަ ކުއްޖާގެ ހަށިގަނޑު ފެނުނީ މެންދުރެވެ.

މާދަމާ ގުޖުރާތުގެ އައްސޭރިފަށަށް ތޫފާން "ބިޕާޖޯއި" އެރުމުގެ ކުރިން މޫސުން ގޯސްވެފައިވާތީ، އާންމުންނާއި މަސްވެރިން މަހަށް ނުނިކުތުމަށާއި، މޫދަށް އެރި ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ މީގެ ކުރިން ވެސް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު