އަރަބި ކަނޑުގައި އުފެދުނު ތޫފާން "ބިޕާޖޯއި"ގެ ބާރު ކުޑަވެއްޖެ ކަމަށް ފެޑެރަލް މިނިސްޓަރ ފޯ ކްލައިމެޓް ޗޭންޖް އެންޑް އެންވާރަމެންޓަލް ކޯޑިނޭޝަން ސެންޓަރ ޝެރީ ރެހެމާން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ފެޑެރަލް މިނިސްޓަރ ވިދާޅުވީ ތޫފާން ބިޕާޖޯއި މިއަދު ހެނދުނު 11 ޖަހާއިރު ޕާކިސްތާނުގެ ކަރާޗީއަށް އަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ތޫފާނުގެ ބާރު ދަށްވެ ތޫފާނުގެ އަސަރު ކަރާޗީއަށް ކުރަން ފަށާނީ މިރޭ ކަމަށެވެ. އަދި ތޫފާނުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް ނުރައްކާތެރި ހާދިސާތައް ހިނގާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އެގޮތުން ތޫފާނުގެ އަަރުކުރާނެ ކަމަށް ލަފާކޮށްފައިވަނީ ޕާކިސްތާނުގެ 4 އަވަށް ކަމަށްވާ ތައްޓާ، ބެދިން، ސުޖާވަލް އަދި ކަރާޗީއެވެ. އެހެންނަމަވެސް މިހާރު ތޫފާނުގެ މިސްރާބު ހުރިގޮތުން މި ލިސްޓަށް މިވަނީ އިތުރު އަވަށެއް އަރާފައެވެ.

މިނިސްޓަރ ރެހެމާން ވިދާޅުވީ ތޫފާނުން ސަލާމަތްވުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށާއި ރައްޔިތުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް އެދޭ ކަމަށެވެ.

މިތޫފާނުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމާއެކު ފެންބޮޑުވާނެ ކަމަށް ކަމާއިބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ. އެގޮތުން ގަޑިޔަކު 120 ކިލޯމީޓަރާއި 140 ކިލޯމީޓަރާއި ދެމެދު ވައިގަދަވާނެ ކަމަށާއި ކަނޑުގެ ރާޅުތަކުގެ އުސްމިން 30 ފޫޓަށް އުފުލިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މަސްވެރިން މޫދަށް ނުނިކުތުމަށާއި ކަނޑުމަތީގައި މިވަގުތު ތިބި މީހުން އައްސޭރިފަށަށް އައުމަށް ވަނީ އަންގާފައެވެ.

މި ތޫފާނާއި ގުޅިގެން ޕާކިސްތާނު ސަރުކާރުން ވަނީ 81،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އަދި ތޫފާނުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕާކިސްތާނުގެ ފުލުހުންނާއި ސިފައިން ތިބީ ތައްޔާރަށް ކަމަށާއި ބަލިމީހުންނަށް ފަރުވާދިނުމަށް 87 މެޑިކަލް ޔުނިޓް ތައްޔާރަށް ތިބި ކަމަށް މިނިސްޓަރ ރެހެމާން ވަނީ ވިދާޅުވެފައެވެ. އަދި ހަމައެއާއެކު ރައްކާތެރި ސަރަހައްދުތަކުގައި 63 ކޭމްޕް މިހާރު އެބަހުރި ކަމަށާއި 106 ކޭމްޕް ތައްޔާރުކުރަމުން ގެންދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ތޫފާން ބިޕާޖޯއި މިއަދު އިންޑިއާގެ ގުޖުރާތަށްވެސް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް) އިން މުމްބާއީގައި އިތުރު ދެ ޓީމެއް ހަރަކާތްތެރިވަމުންދާއިރު، ގުޖުރާތުގެ އިތުރުން މުމްބާއީގައި ވެސް ވަނީ ތައްޔާރީތައް ވެފަ އެވެ. އޭގެ އިތުރުން ހުޅަނގު އަދި އިރުމަތީ އަވަށުގެ އެންދެރީ އަދި ކަންޖޫރު ސަރަހައްދުގައި އެންޑީއާރްއެފްގެ ޓީމުތައް ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.

އެގޮތުން މިއަދުން ފެށިގެން ކައްޗް-ސައުރަޝްތުރާގެ އައްސޭރިފަށުން 10 ކިލޯމީޓަރުގެ ސަރަހައްދެއްގައި ދިރިއުޅޭ މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ގޮނޑުދޮށާ ކައިރީގައި އޮންނަ ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ ގާތްގަނޑަކަށް 7،500 އެއްހާ މީހުން މިހާރު ވެސް އެ ސްޓޭޓުގެ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް ޕީޓީއައިގެ ރިޕޯޓެއްގައި ބުނެފައިވެއެވެ.

ތޫފާން ބިޕަރްޖޯއިއާ ގުޅިގެން އައިއެމްޑީއިން ވަނީ ޖޫން މަހުގެ 14 ވަނަ ދުވަހަށް އޮރެންޖް ސަމާލު އަދި ޖޫން މަހުގެ 15 ވަނަ ދުވަހު ގުޖުރާތުގެ ހުރިހާ ޑިސްޓްރިކްޓަކަށް ރަތް ސަމާލު ނެރެފައެވެ.