އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ކުޝީނަގަރު ޑިސްޓްރިކްޓްގައި ހުންނަ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އުމުރުން 38 އަހަރުގެ އަންހެނަކާއި އޭނާގެ ފަސް ދަރިން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އުރްދާ ވިލެޖުގައި ކަމަށް ފުލުހުން ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަލިފާން ރޯވެ އަނދަމުން ދަނިކޮށް ސަންގީތާ އާއި އޭނާގެ ފަސް ދަރިން ގޭތެރޭގައި ތާށިވިއެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފަޔަރ ބްރިގޭޑްގެ ޓީމެއް އެސަރަހައްދަށް ގޮސް އަލިފާންގަނޑު ނިއްވާލި ނަމަވެސް މީހުން ސަަލާމަތް ކުރެވޭ ވަރު ވެފައެއް ނުވެއެވެ.

މި ހާދިސާގައި މަރުވި އިތުރު މީހުންގެ އުމުރަކީ އެއް އަހަރު، ދެ އަހަރު، ތިން އަހަރު އަދި ނުވަ އަހަރާއޮ 10 އަހަރެވެ.

އޮފިޝަލުން ވިދާޅުވީ އަލިފާން ރޯވީ ޝޯޓް ސާކިޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި އެ ގޭގައި ހުރި އެލްޕީޖީ ސިލިންޑަރުގައި ވެސް އަލިފާން ރޯވެ އެ ސިލިންޑަރު ގޮއްވާލާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާ ހިނގިއިރު ފިރިމީހާ އާއި އޭނާގެ ބައްޕަ އަދި މަންމަ ބޭރުގައި ނިދާފައި ތިބިއިރު އަނބިމީހާ އާއި އޭނާގެ ފަސް ދަރިން ވެސް ތިބީ ގޭތެރޭގައެެވެ.

ކިޔުންތެރިންގެ ހިޔާލު