ހޮލީވުޑްގެ މަޝްހޫރު ތަރި އަދި އެމެރިކާގެ ކެލިފޯނިއާގެ ކުރީގެ ގަވަރުނަރު އާނޯލްޑް ޝްވެޒެނިގާ ގޭގައި ގެންގުޅުނު މަސައްކަތު މީހަކާ ނަހަމަ ގުޅުމަކުން ކުއްޖަކު ލިބުނު ކަމަށް ބުނުމުން ގިނަ ބަޔަކަށް ލިބޭނީ ހައިރާން ކަމެކެވެ.

ނަމަވެސް މިއީ ހަގީގަތެކެވެ. ނެޓްފްލިކްސްއިން ވަނީ އާނޯލްޑްގެ ހަޔާތުގެ މައްޗަށް ޑޮކިއުމެންޓްރީއެއް ހަދައި މި މަހު ކުރީކޮޅު ނެރެފައެވެ.

އެ ޑޮކިއުމަންޓްރީން އެންމެ ބޮޑަށް ފާހަގަވީ ވެސް އާނޯލްޑްއާ، ގޭގެ މަސައްކަތު މީހާއާ އޮތް ނަހަމަ ގުޅުމުގެ މައްޗަށެވެ.

މިލްފްރެޑް ބައޭނާ ނަމަކަށް ކިޔާ އަންހެން މީހާ، އާނޯލްޑްގެ ދަރިޔަކަށް ބަލިވެ އިނދެ ވިހެއީ އާނޯލްޑްގެ އަންހެނުން މަރީއާ ޝްރިވާ އޭނާގެ ހަގު ދަރިފުޅު ވިހޭތާ ކުޑަ ދުވަސްކޮޅެއް ފަހުން 1997 ވަނަ އަހަރުއެވެ.

ނަމަވެސް މަސައްކަތު މީހާ އޭރު ބުނަމުން ދިޔައީ އޭނާ ވިހެއީ އޭރު އިނދެގެން އުޅުނު މީހާއާ ކަމަށެވެ.

ނަމަވެސް އާނޯލްޑްގެ ނަހަލާލު ދަރި ޖޯސެފް ބައޭނާ ބޮޑުވަމުން އައިއިރު ދިޔައީ އާނޯލްޑްއާ މާބޮޑަށް ވެސް ވައްތަރުވަމުންނެވެ. އެކަން ފަހުން އާނޯލްޑްގެ އަންހެނުންނަށް ވެސް މާބޮޑަށް ފާހަގަވުމުން، މަސައްކަތު މީހާގެ ކައިރީގައި އެހުމުން އެކަމަށް އެއްބަސްވިއެވެ. އަދި އާނޯލްޑްވެސް ފަހުން އެއްބަސްވީއެވެ.

ގިނަ ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި އާނޯލްޑްގެ ދަރިންގެ ތެރެއިން އާނޯލްޑްއާ އެންމެ ވައްތަރީވެސް ޖޯސެފްއެވެ.

ޖޯސެފްއަކީ އާނޯލްޑްގެ ދަރިއެއް ކަމަށް އެއްބަސްވި ފަހުން އާނޯލްޑްގެ ކައިވެނި ވަނީ ރޫޅިފައެވެ.

އާނޯލްޑް ބުނާ ގޮތުން އެއީ އޭނާއަށް ހެދުނު އެންމެ ބޮޑު ގޯހެވެ. ނަމަވެސް ވީ ކަމެއް ވެދިޔައީ ކަމަށް ނިންމައި އާނޯލްޑް ވަނީ ޖޯސެފްއާ ގުޅުން ބަދަހިކޮށްފައެވެ.

ޖޯސެފް އާނޯލްޑާ އެހާ ވައްތަރުއިރު އޭނާ ވަނީ ބައްޕަ ކުޅެފައިވާ ފިލްމުތަކުގެ ބައެއް މަންޒަރުތައް ވެސް ކޮޕީކޮށް ކުޅެފައެވެ. އަދި އެ މަންޒަރުތަކުން ވެސް ދެ ބަފައިން ތަފާތެއް ނެތް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އާނޯލްޑް މަޝްހޫރުވީ އޭނާ ކުޅުނު ޓާމިނޭޓާ ފިލްމުތަކުންނެވެ. އަދި އޭނާއަށް ބޮޑީ ބިލްޑު ކުރުމުގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނު މީހެކެވެ.