ބްރެޒިލްގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓް އޮޅުވާލި ކަމަށް އެގައުމުގެ އޭރުގެ ރައީސް ޖައިރް ބޮލްސޮނަރޯ ތުހުމަތުކުރި މައްސަލަ ބެލުމަށްފަހު އޭނާގެ މައްޗަށް ސިޔާސީ ހަޔާތް ނިމިގެން ދާނެ ފަދަ ނިންމުމެއް ޓްރައިބިއުނަލުން އިއްވައިފިއެވެ.

މިއަދު ބްރެޒިލްގެ ސްޕީރިއާ އިލެކްޓޯރަލް ޓްރައިބިއުނަލްގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އިއްވި ހުކުމެއްގައި ވަނީ ބޮލްސޮނަރޯ 2030 ވަނަ އަހަރާއި ހަމައަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކޮށްފައެވެ.

އިލެކްޓޯރަލް ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައި ވަނީ ބޮލްސޮނަރޯގެ މައްޗަށް މިފަދަ ނިންމުމެއް ނިންމީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތެއް އިންތިހާބީ ކޮމިޝަންގެ މައްޗަށްކޮށް، އޭނާއަށް ރައީސްގެ ގޮތުގައި ލިބިފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމުން ކަމަށެވެ. އިލެކްޓޯރަލް ޓްރައިބިއުނަލްގެ ނިންމުމަކީ ޑިލިޕްލިނަރީ ފިޔަވަޅެއް ކަމަށް ވެސް އިލެކްޓޯރަލް ޓްރައިބިއުނަލް އިން ބުނެއެވެ.

ނަމަވެސް އަދިވެސް އިލެކްޓޯރަލް ޓްރައިބިއުނަލް އިން އަންނަނީ އިންތިހާބަށް ފަހު ބްރެޒިލްގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރި މައްސަލައިގައި ބޮލްސޮނަރޯގެ މައްޗަށް ޖިނާއީ ޝަރީއަތެއް ހިންގަން މަސައްކަތް ކުރަމުންނެވެ.

މިހާރު އުމުރުން 68 އަހަރުގެ ބޮލްސޮނަރޯގެ ކުރިއަށް އޮތް އަށްއަހަރު ދުވަހު ސިޔާސީ ދާއިރާއިން ދުރުގައި ހުންނަން މަޖުބޫރު ވުމަކީ އޭނާގެ ސިޔާސީ ހަޔާތް މަރުވުން ކަމަށް ބްރެޒިލްގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މިނިންމުމުގެ ސަބަބުން 2026 ވަނަ އަހަރު އޮންނަ ބްރެޒިލްގެ ރިޔާސީ އިންތިހާބުގައި ވެސް ބޮލްސޮނަރޯއަށް ބައިވެރިއެއް ނުވެވޭނެއެވެ.

ބޮލްސޮނަރޯ ބުނީ ޓްރައިބިއުނަލްގެ ނިންމުމަކީ އޭނާގެ ސިޔާސީ ހައްގުތަކަށް އަރައިގެންފައިވާ ނިންމުމެއް ކަމަށާއި، އެނިންމުން ބަލައި ނުގަންނަ ކަމަށެވެ.

ބޮލްސޮނަރޯ އާއި ވާދަކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއެވެ.