މޮލްޑޯވާ އިންޓަނޭޝަނަލް އެެއާޕޯޓް ތެރޭގައި، އެ އެއާޕޯޓްގެ ދެ ސެކިއުރިޓީ އޮފިސަރަކު މަރާލައިފިއެވެ.

ކަމާއި ގުޅުން ހުރި އިދާރާތަކުން ބުނީ، އުމުރުން 43 އަހަރުގެ އެ ފިރިހެން މިހާ ސެކިއުރިޓީ އޮފިސަރުންގެ ގަޔަށް ބަޑި ޖަހާ މަރާލާފައި ވަނީ، އެއާޕޯޓަށް ވަނުމަށް ހުއްދަ ނުދިނުމުންނެވެ. މި ހާދިސާގައި އިތުރު މީހަކަށް އަނިޔާވެސް ވިއެވެ.

މި ހާދިސާއާ ގުޅިގެން ޗިސިނައު އިންޓަނޭޝަނަލް އެއާޕޯޓުގައި ކުޑަ ވަގުތުކޮޅަކަށް ފްލައިޓްތައް ގްރައުންޑްކުރިއެވެ.

އަދި މީގެ އިތުރުން، މި ހާދިސާގައި ހަމަލާދިން މީހާ އަމިއްލަ ހަށިގަނޑަށް އަނިޔާދިންއިރު، ފުލުހުން ވަނީ އޭނާ ހިފަހައްޓައިފައެވެ.

މޮލްޑޯވާގެ އެކްޓިން ޗީފް ޕްރޮސެކިއުޓާ އަޔަން މުންޓޭނޫ ވިދާޅުވީ މި ހާދިސާއަކީ ނިރުބަވެރި އަމަލެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މި ކަމުގެ ތެރޭގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ތަހުގީގު ކުރާ ފަރާތްތަކަށް އަދި އެނގިފައެއް ނުވެއެވެ. އޭނާއަކީ ހަތިޔާރު އެޅި އެއްވެސް ޖަމާއަތަކާ ގުޅުން ހުރި މީހެއް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ މަންޒަރު ފެނުނު މީހަކު ބުނީ އެއާޕޯޓުން ނުކުންނަން އެންމެންނަށް އެންގި ކަމަށާއި އޭގެ 30 ވަރަކަށް މިނެޓު ފަހުން ހަތަރު ފަސް ވަރަކަށް ފަހަރަށް ބަޑި ޖެހި އަޑެއް އިވުނު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު