ޔޫކްރެއިން ފަސްގަނޑުގައި 21،000 ވެގްނާ ހަނގުރާމަވެރިން މަރުވި ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޔޫކްރޭންގެ ރައީސް ވިދާޅުވީ ރަޝިޔާގެ ކުލީ ސިފައިންގެ ގްރޫޕް ވެގްނާ ހަނގުރާމަވެރިންނަށް "ބޮޑެތި ގެއްލުންތަކެއް" ލިބިފައިވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އިރުމަތީ ޔޫކްރޭންގައި އެ ގްރޫޕްގެ "އެންމެ ބާރުގަދަ ޖަމާއަތް" ހަނގުރާމަ ކުރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަހަރެމެންގެ ސިފައިން ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި އެކަނިވެސް 21،000 ވެގްނާ ހަނގުރާމަވެރިން މަރާލި،" ހޮނިހިރު ދުވަހު ޔޫކްރެއިންގެ ވެރިރަށް ކިއޭވްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވިއެވެ.

"މިއީ ވެގްނާ އަށް ލިބުނު ވަރަށް ބޮޑު ގެއްލުންތަކެއް،" ވެގްނާ ހަނގުރާމަވެރިން ސިފަކުރައްވަމުން ޒެލެންސްކީ ވިދާޅުވީ އެއީ "ރަޝިޔާ ސިފައިންގެ އެއްބާރުލުން ލިބިގެންވާ ހަނގުރާމަވެރިން" ކަމަށާއި ކުށްވެރިންގެ ގޮތުގައި އެމީހުންނަށް "ގެއްލޭނެ އެއްޗެއް ނެތް" ކަމަށެވެ.

ވެގްނާ އަށް ލިބުނު ގެއްލުންތަކާ ބެހޭ ގޮތުން ޒެލެންސްކީ މިގޮތަށް ވިދާޅުވެފައި ވަނީ އެ ގްރޫޕްގެ ވެރިޔާ ޔެވްގެނީ ޕްރިގޯޒިން އޭނާގެ ސިފައިން އިސްކޮށް ހުރެ ޕޫޓިންއާއި ދެކޮޅަށް ބަޣާވާތް ކުރަން މަސައްކަތް ކުރިތާ އެންމެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި ވެގްނާއިން ބަޣާވާތްކުރަން މަސައްކަތްކުރުމަކީ ރަޝިޔާ ބަލިކުރުމަށް ޔޫކްރެއިންއަށް ލިބިގެންދާ ހިތްވަރެކެވެ.

ވެގްނާ ކުލީ ސިފައިން ނުވަތަ ހަނގުރާމަވެރިންނަކީ މި ފަހަކާ ޖެހެން ދެން ރަޝިއާގެ ރައީސް ޕޫޓިން އަށް ވަފާތެރި ހަނގުރާމަވެރިންނެވެ. އެކަމަކު، މިދިޔަ ދުވަސްތަކުގައި ރަޝިއާގެ އަސްކަރިއްޔާ އާއި ވެގްނާ ހަނގުރާމަވެރިންނާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުވަދު

    ކަލެއަށް އިންގޭތަ ޔުކްރޭންގެ ކިތައްސިފައިން މަރުވިކަން. ޔުކްރޭންއިން ސިފައިން މަރެއްނުވޭ ދޯ.

    11
  2. ކިނބޫ

    ޒެލޭ ތައެތި ހާމަކޮށްބަލަ ޔުކްރޭން އިން މަރުވި ސިފައިންގެ ޢަދަދު............ތައެއްޗަކަށް ނުޖެހޭނެ ދަލުބޭރުން ޖެހޭކަށް.