ޗައިނާ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ތެރެއަށް ވަންނަން ބޭނުން ނުވާ ކަމަށާއި އެއްވެސް ގައުމެއް އިހްތިޔާރު ނުކުރާނެ ކަމަށް ސްރީލަންކާގެ ޚާރިޖީ ވަޒީރު އަލީ ސަބްރީ ވިދާޅުވެއްޖެއެވެ.

ސައުތު ޗައިނާ ޕޯސްޓަށް ދެއްވި ބަސްދީ ގަތުމެއްގައި ޚާރިޖީ ވަޒީރު އަލީ ސަބްރީ ވިދާޅުވީ ޗައިނާ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ މައްސަލަތަކުގައި އަވަށްޓެރި ގަމުތައް ފިތި ބާރު ވެދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ ކަމަށާއި މިފަދަ ދުވަސްވަރެއްގައި އެއްވެސް ކޮޅަކަށް ނާރާނެ ކަމަށެވެ. އަދި އެއްވެސް ގައުމެއް އިހްތިޔާރު ނުކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަލީ ސަބްރީގެ އެދިވަޑައިގަތުމަކީ މި މައްސަލަތަކަށް ހައްލެއް ލިބޭތޯ މަޝްވަރާކުރުމަށް ފަހު މައްސަލަ ހައްލުކުރުމެވެ. އެގޮތަކީ އެ ދެ ގައުމަށް ވެސް އަދި މުޅި ދުނިޔެއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވިއެވެ.

ދެހާސް ވިހި ވަނަ އަހަރު ހިމާލިޔާ ސަރަހައްދުގައި ހިނގައި ދިޔަ ޗައިނާއާއި އިންޑިއާގެ ކުރިމަތިލުންތަކަށްފަހު އެ ދެގައުމުގެ ގުޅުން އަންނަނީ ދުވަހެއް ދުވަހެއް ގޯސްވަމުން ކަމަށާއި އިތުރު ސަރަހައްދުތަކަށް ފުޅާވެގެން ހިނގައިދާނެކަމުގެ ބިރު ނެތިގެން ނުދާކަން ސަބްރީ ވިދާޅުވިއެވެ.

މި ދެގައުމުގެ ދެމެދުގެ ހަނގުރާމައިގެ ތެރެއަށް މިދިޔަ އަހަރު ސްރީލަންކާވެސް ވަނީ ވައްދާފައެވެ. އެގޮތުން ޗައިނާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ސްރީލަންކާގެ ހަމްބަންތޮޑާގައި ބަނދަރުކުރަން ހުއްދަ ދިނުމާއި ގުޅިގެން އިންޑިއާއިން ވަނީ އަނގަބަހުން އިހްތިޖާޖުކޮށްފައެވެ. ޗައިނާއިން ބިނާކުރުމުން އެގައުމަށް ކުއްޔަށް ދީފައިވާ ހަމްބަންތޮޑާގެ ބަނދަރަކީ މިލިޓްރީ ގޮތުން އިންޑިއާއާއި ދެކޮޅަށް ބޭނުންކުރެވިދާނެ ތަނަކަށް ވެދާނެކަމަށް އިންޑިއާ ދެކެއެވެ.

އެކިއެކި މައްސަލަތަކާ ހުރެ އިންޑިއާ އާއި ޗައިނާ ދެމެދު ހަމަނުޖެހުންތައް ވަނީ އުފެދިފައެވެ. އޭގެތެރޭގައި ނެކްސްޓް ޖެނެރޭޝަން ފައިޓަރ ޖެޓުގެ އިންޖީނު އުފެއްދުގެ ފުރުސަތު އިންޑިއާއަށް ލިބިދޭގޮތަށް މިދިޔަ ހަފުތާގައި ވޯޝިންގޓަންގައި އިންޑިއާގެ ބޮޑުވަޒީރު ސޮއިކުރެއްވި އެއްބަސްވުމުގެ ސަބަބުންވެސް ޗައިނާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ

މީގެއިތުރުން އެމެރިކާއއިއެކު އިންޑިއާއިން ސޮއިކުރި ޖައްވާބެހޭ އާރޓެމިސް މުޢާހަދާގެ ސަބަބުންވެސް ޗައިނާވަނީ ހޫނުފެނަށް ވެފައެވެ. ޗައިނާއާއި ރަޝިޔާއަކީ އެ މުޢާހަދާގެ މެމްބަރުންނެއް ނޫނެވެ. އާޓެމިސް މުއާހަދާއަކީ ސުލްޙަވެރި ގޮތުގައި ޖައްވު ބޭނުންކުރުމުގެ އެއްބަސްވުމެކެވެ. އަދި އެއީ ޗައިނާއާއި ދެކޮޅަށް އަމާޒުކޮށްގެން އެމެރިކާގެ އެކުވެރިންނާއިއެކު އެމެރިކާއިން ހިންގަން ބޭނުންވާ މަޝްރޫއެކެވެ.

ކަން މިހެން ހުރުމާއެކު މިދިޔަ ބުދަދުވަހު ބެއިޖިންގައި ހުންނަ ސްރީލަންކާގެ އެމްބަސީގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު އަލީ ސަބްރީ ވިދާޅުވީ ސްރީލަންކާގެ އެންމެގާތް ދެ ރަހްމަތްތެރިން ކަމުގައިވާ ޗައިނާއާއި އިންޑިއާގެ ތެރެއިން ވަކި ގައުމެއް އިޚްތިޔާރު ކުރަން ބޭނުން ނޫން ކަމަށެވެ.

ސްރީލަންކާގެ އިގްތިސާދީ ހާލަތު އަންނަ ސެޕްޓެމްބަރު ހިސާބު ރަނގަޅުވެގެން ދާނެކަން ފާހަގަކުރައްވަމުން ސަބްރީ ވިދާޅުވީ އިގްތިސާދީ ގޮތުން ހެދި ގޯސްތައް ދިރާސާކޮށް އިސްލާހީ ފިޔަވަޅުތަކަށް ސަރުކާރުން އަޅަމުން އަންނަ ކަމަށެވެ. އެގޮތުން މި މައްސަލާގައި އިންޑިއާ އާއި ޖަޕާނާއި އަދި ފަރަންސޭސި ވިލާތާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީ ލަންކާގެ ބޭރުގެ ދަރަނީގެތެރެއިން %10 އަކީ ޗައިނާއަށް އަދާކޮށްދޭންޖެހޭ ދަރަންޏެކެވެ. އެކަމާއި ގުޅޭގޮތުންވެސް ދެގައުމުން މިގެންދަނީ މަޝްވަރާ ކުރަމުންނެވެ. އެހެން ގައުމުތައް ބައިވެރިވާ ފޯރަމެއްގައި ޗައިނާއިން ދަރަނީގެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިޔު

    ވަކިކޮޅަކަށް ބުރަނުވެ އޮތުމުގެ ސިޔާސަތު ވ ރަނގަޅު. އެއީ ރައީސް މައުމޫނު ގެންގުޅުއްވި ވ ހަރުދަނާ ސިޔާސަތެއް.

    11
  2. ރާއްޖެތެރެ

    ރާއްޖެން އިންޑިޔާ ސިފައިން ބޭރުކުރަންޖެހޭ. އިންޑިޔާ އައުޓް

  3. ފަލަސްތީން

    ރައްޖެ ތަރައްގީ ގިނަގުނަ މަސަައްކައް ޗައިނާ ކޮއްދިން.

  4. ރަން ރީނދޫ

    ހަގީގަތަކީ ރައީސް ޔާމީނު ވަކި ކޮޅަކަށް ބުރަވީކީ ނޫން. ޗައިނާއިން ރާއްޖެއަށް އިންވެސްޓް ކުރަން ފެށުމުން ،މޯދީގެ ހައްދުފަހަނައެޅި ހިންދުތުވާ ސަރުކާރުން ޔާމީނާއި ޖައްސާލީ. އެ ދައުރުގައި ޗައިނާއިން ރާއްޖޭގައި އިންވެސްޓް ނުކުރިނަމަ،އިންޑިއާގެ އެއްވެސް އެހީތެރިކަމެއް ލޯނުގެ ސިފައިގައި ވެސް މި ދައުރުގައި ނުލިބޭނެ.