ރެއިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޖެނިން ރެފިއުޖީ ކޭމްޕަށް ދެމުންގެންދާ ހަމަލާތަކުގައި 500 އާއިލާއެއް މަގުމަތިވެއްޖެއެވެ.

އިސްރާއިލުގެ ސިފައިން ރޭ ޖެނިން ކޭމްޕަަށް ހަމަލާތައް ދޭން ފެށީ ވައިގެ މަގުންނާއި، އެތައް ސަތޭކަ ސިފައިން އެއްގަމު އުޅަނދުފަހަރުތަކުގައި ވަދެގެންނެވެ.

މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ހިންގި އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަނެެވެ. މި އޮޕަރޭޝަންގައި މިހާތަނަށް ނުވަ މީހަކު ޝަހީދުކޮށްލާފައި ވެއެވެ. އިސްރާއީލްގެ އަސްކަރީ އޮޕަރޭޝަން ފުރަތަމަ ފެށީ ވައިގެ މަގުން ޖެނިންއަށް ހަމަލާތައް ދެމުންނެވެ. އޭގެފަހުން އިސްރާއީލްގެ ހާހެއްހައި ސިފައިން ވަނީ ބަރު ހަތިޔާރާއިއެކު ޖެނިންއަށް ވަދެގަނެ، ޖެނިންގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދޭން ފަށާފައެވެ.

ފަލަސްތީނު ރެޑް ކްރެސެންޓުން ބުނީ ޖެނިން ރެފިއުޖީ ކޭމްޕްގެ ތެރެއިން ފަލަސްތީނުގެ ގާތްގަނޑަކަށް 500 އެއްހާ އާއިލާ އެ ތަނުން ނެރެން ޖެހުނު ކަމަށެވެ.

ހަމަލާތައް އިތުރަށް ކުރިއަށް ގެންދާނަމަ އަދިވެސް އެތައް އާއިލާއެއް ޖެނިން ދޫކޮށް އެހެން ސަރަހައްދުތަކަށް ދާން މަޖުބޫރު ވާނެ ކަމަށް ރިޕޯޓްތަައް ބުނެއެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓަރ އެލީ ކޯހެން ބުނީ ޖެނިންގައި ހިންގާ އޮޕަރޭޝަން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެހެން ހިސާބުތަކަށް ފުޅާ ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. ނަމަވެސް މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގައި ހާސިލް ކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން އަދި އެބަހުރި ކަމަށާއި އޮޕަރޭޝަން ނިންމާލާނީ އެކަންކަން ހާސިލް ކޮށްފައި ކަމަށް އިސްރާއީލުން ބުނެއެވެ.

ޖެނިންގައި ގިނައިން ދިރިއުޅެނީ ހުޅަނގު އައްސޭރިއަށް އިސްރައީލުން އަތްގަދަކޮށް ސުންނާފަތި ކޮށްލާފައިވާ ގެތަކުގައި ދިރިއުޅުނު ފަލަސްތީން މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު