އިންޑިއާ ރަޖަސްތާން ސްޓޭޓްގެ ކޯޓާ ސިޓީގެ ސަރުކާރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދިޔަ ބަލި މީހެއްގެ އޮކްސިޖަން މާސްކުގައި އަލިފާން ރޯވެ މީހަކު މަރުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު އުމުރުން 23 އަހަރުގެ ޒުވާން ފިރިހެން މީހާ މަރުވި މައްސަލަ ރާޖަސްތާން ސްޓޭޓް ހިއުމަން ރައިޓްސް ކޮމިޝަނުން މިހާރު ދަނީ ބަލަން ފަށައިފައެވެ.

މިއީ ސީރިއަސް ހާދިސާއެއްގެ ގޮތުގައި ސިފަކޮށް، ސްޓޭޓް ހިއުމަން ރައިޓްސް ކޮމިޝަންގެ ޗެއާމަން ޖަސްޓިސް ޖީކޭ ވިޔާސް ވަނީ ކޯޓާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، ކޯޓާ ޗީފް ހެލްތު އޮފިސަރު (ސީއެޗްއޯ) އަދި ކޯޓާ ނިއު މެޑިކަލް ކޮލެޖް ހޮސްޕިޓަލްގެ ޕްރިންސިޕަލަށް އެ މައްސަލައިގެ ނޯޓިސް ފޮނުވާފައެވެ.

އެ ކޮމިޝަނުން ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން "އެކްޝަން ޓޭކަން ރިޕޯޓް" އާއި އެ ހާދިސާގެ ރިޕޯޓް އެ ކޮމިޝަނަށް ހުށަހަޅަން ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނަށް އަންގާފައެވެ.

ބަލި މީހާގެ އާއިލާ މީހުން ބުނާގޮތުގައި، އަނަންތުޕޫރާ ތަލަބަށް ނިސްބަތްވާ ވައިބަވް ޝަރުމާ މަރުވެފައިވަނީ ޑައިރެކްޓް ކަރަންޓް (ޑީސީ) ކާޑިއޯވާޝަން ޝޮކް ޓްރީޓްމަންޓަށް ފަހު އޭނާގެ އޮކްސިޖަން މާސްކެއްގައި އަލިފާން ރޯވެގެންނެވެ.

ޝަރުމާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މީގެ ހަތަރު ފަސް ދުވަސް ކުރިން ބަނޑުގެ މައްސަލައަކާއި ސަބަބުންނެވެ. އޭނާގެ އާއިލާ މީހުން ބުނާގޮތުން ނަމަ އޭނާގެ ސިއްހީ ހާލަތު ގޯސްވީ ބުދަ ދުވަހުގެ ރޭ 11:30 ހާއިރުއެވެ. އަދި ޑައިރެކްޓް ކަރަންޓް (ޑީސީ) ކާޑިއޯވާޝަން ޝޮކް ޓްރީޓްމަންޓުގެ ތެރެއިން އޭނާގެ މޫނުމަތީގައި ހުރި އޮކްސިޖަން މާސްކުގައި އަލިފާން ރޯވެ އޭތި ކަރުގައި ތާށީވީ ކަމަށްވެސް ބުނެފައި ވެއެވެ.

އާއިލާ މީހުން ބުނާގޮތުގައި، އިލެކްޓްރިކް ސްވިޗް ބޯޑުން އުފެދުނު ކާރަންޓް ސޯޓެއްގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގައި ބަލިމީހާގެ ގައިގައި އަލިފާން ރޯވެ މަރުވީއެވެ. އަދި ބަލިމީހާ މަރުވުމުެ ކުރިންވެސް މެޑިކަލް ޕްރޮފެޝަނަލުން އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުންނާ ބާއީ އެމްބީބީއެސް

    ތީގެ ޑޮކްޓަރުން ވަރަށް ގިނަ މި ރާއްޖޭގަ ދިވެހި ޑޮކޓަރުންވެސް