އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި ޔަމުނާ ކޯރު ފުރި ބަންޑުންވެ ވެރިރަށް ދިއްލީގައިވެސް ގިނަ އަދަދެއްގެ މީހުން މަރުވެ، އެތައް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

މި ވިއްސާރައާ ގުޅިގެން ބައެއް މީހުން ގެއްލިގެން އިންޑިޔާ ފުލުހުން ދަނީ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޑިޔާގެ މޫސުން ގޯސްވެ ކުރަމުންދާ ވިއްސާރައިގައި މުޅި ބޮޑު ހިސާބެއް އޮތީ ފެނުގެ އަޑީގައެވެ. ގިނަ ސިޓީތަކާއި އަވަށްތަކުގައި ފެންބޮޑުވެ ގިނަ އަދަދެއްގެ މީހުން ދަނީ މަރުވަމުންނެވެ. ދަތުރުފަތުރުކުރަން އުދަގޫވެ މަގުތައް ވަނީ ބަންދުކުރެވިފައެވެ. މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ހިމާޗަލް ޕްރަދޭޝް ސްޓޭޓްގެ ގިނަ ހިސާބުތަކެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މަގުތައް ބަންދުވެ، ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ގެދޮރުގައި ތާށިވެފައެވެ. ފެންގަނޑުތެރޭގައި ފަތާފައި ދަނިކޮށް މިހާތަނަށް ކުޑަ 3 ކުދިން މަރުވެފައިވާއިރު މަރުވި މީހުންގެ ސީދާ އަދަދު އަދި ހާމަކޮށްފައި ނުވެއެވެ.

އޮފިޝަލުން ބުނާގޮތުން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ބޯކޮށް ވާރޭވެހުމާއި ގުޅިގެން ހިނގި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކުގައެވެ. އަދި، ބުރިޖުތަކާއި ބައެއް ޢިމާރާތްތައް ވެއްޓި، ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދުފަހަރުގެ ފެންގަނޑުގެ އޮޔާއެކު ދަމައިގަނެގެން ގެންގޮސްފައިވާ ކަމުގައި އޮފިޝަލުން ބުނެއެވެ.

ހިމާޗަލް ޕްރަދޭޝްގެ ލާހޯލް-ސްޕީތީއާއި ކުއްލޫއަށް ދަތުރުކުރަން އޮންނަ މަގުތަކާއި ބުރިޖުތައް ބަންދުވެ، އެ ދެ ރަށުގައި 300 އަށްވުރެ ގިނަ މީހުން ތާށިވެފައިވާ ކަމުގައި ވެސް އޮފިޝަލުން ބުނެއެވެ. އެ މީހުން ސަލާމަތްކުރަން ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ކުރި މަސައްކަތްތައް މޫސުން ގޯސްވުމާ ގުޅިގެން ވަނީ ނާކާމިޔާބުވެފައެވެ. އެ ސަރަޙައްދުގައި ތާށިވެފައިވާ މީހުންގެ ތެރޭގައި ފަތުރުވެރިން ވެސް ހިމެނެއެވެ.

ވިއްސާރައިގެ އަސަރު ވެރިރަށް ނިއު ދިއްލީއަށް ވެސް ދަނީ ކުރަމުންނެވެ. ނިއުދިއްލީގައި ފެންބޮޑުވުމުން އެ ފެން ބޭރުކުރަން ކުރެވުނު މަސައްކަތުގެތެރޭ ޔަމުނާ ކޯރު ފުރި ބަންޑުންވެ އިތުރަށް ފެންބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެއް ދުވަހެއްގެ ތެރޭގައި ނިއު ދިއްލީއަށް އެންމެ ބޯކޮށް ވާރޭވެހިފައި މި ވަނީ ޖުލައި މަހުގެ ތެރޭގައި ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު