ދެކުނު ޔޫރަޕަށް ހޫނުގަދަވުމުގެ ސަބަބުން އިޓަލީގެ ސޯޅަ ސިޓީއަކަށް ރެޑް އެލާޓް ނެރެފިއެވެ.

މި އެލާޓްތައް ކުރިއަށް އޮތް ދުވަސްތަކުގައި ރޯމް، ފްލޮރެންސް އަދި ބޮލޯނިއާ ފަދަ ޓޫރިސްޓް ހޮޓްސްޕޮޓްތަކަށް ވެސް ކުރާނެއެވެ.

ހޫނު ގަދަވުން މިހާރުވެސް އާދަޔާ ހިލާފަށް ދިގުމުއްދަތަކަށް ދެމިގެން ގޮސްފައިވާއިރު، ރޭގަނޑުގެ ފިނިހޫނުމިން ވަނީ މަތިވެފައެވެ. އަންނަ ހަފުތާގައި އަނެއްކާވެސް ހޫނު ގަދަވާނެ ކަމަށް ލަފާ ކުރެވޭއިރު، ޔޫރަޕްގެ ހޫނުމިން އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޓަލީ ސަރުކާރުން ވަނީ ހޮނިހިރު ދުވަހު ނެރުނު ރެޑް އެލާޓްގައި ހިމެނޭ ސަރަހައްދުތަކުގައި އުޅޭ ކޮންމެ މީހަކު ވެސް 11:00 އާއި 18:00 އާ ދެމެދު ސީދާ އިރުގެ އަލިން ދުރުވެ، އުމުރުން ދުވަސްވީ މީހުން ނުވަތަ ނުރައްކަލަށް ހުށަހެޅިފައިވާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

ރޯމްގައި ޓުއާ ގައިޑް ފެލިސިޓީ ހިންޓަން، 59، ބީބީސީއަށް މައުލޫމާތު ދެމުން ބުނީ ފިނިހޫނުމިން މައްޗަށް ދިއުމާއި މީހުން ގިނަވުމުގެ ސަބަބުން އެ ސިޓީގައި ދަތުރުކުރުމަކީ މަނާކަމެއް ކަމަށެވެ.

"ރޯމްގައި އަބަދުވެސް ހޫނު ގަދަ ނަމަވެސް މިއީ އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަސްވަރެއް،" އޭނާ ވިދާޅުވިއެވެ.

މިފަހަކަށް އައިސް ގްރީސްގެ ފިނިހޫނުމިން ވަނީ 40 ސެލްސިއަސް (104އެފް)އަށް އަރާފައެވެ. ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެތެންސްގެ އެކްރޮޕޮލިސް ބަންދުކޮށްފައިވަނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ އެންމެ ހޫނު ގަދަ ވަގުތުތަކުގައެވެ.

ޔޫރަޕްގެ މެދުތެރޭގެ ސަރަހައްދުތަކަށް ވެސް ހޫނުމިން ގަދަވަމުން އަންނައިރު، އޭގެ އަސަރު ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޖަރުމަނާއި ޕޮލެންޑް ހިމެނެ އެވެ.

ޗެކް ރިޕަބްލިކްގެ މޫސުމާ ބެހޭ އިދާރާއިން ނެރުނު އިންޒާރުގައި ބުނެފައިވަނީ ހަފުތާ ބަންދުގައި ފިނިހޫނުމިން 38 ސެލްސިއަސް އަށް އަރާނެ ކަމަށެވެ.